ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑް އެލްޗޭއާއި އެއްވަރުވިއިރު، ބާސެލޯނާ އަލްވޭސް އަތުން މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި އެލްޗޭއާއި ދެކޮޅަށް ރެއާލްް ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.
ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އެލްޗޭއިންނެވެ. އެޓީމުން ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފު ނިމުމަކާއި ގާތްވެފައިވަނިކޮށެވެ. އެގޮތުން މެޗުގެ 42 ވަނަ މިނެޓުގައި އެލްޗޭއަށް ލީޑުނަގައި ދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލޫކަސް ބޯޔޭ އެވެ.
އެއް ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު އެލްޗޭއިން ނިންމާލއިއިރު، ފަހު ހާފަށް ކުޅެން ނިކުމެވެސް އެލްޗޭއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެލްޗޭއިން އެޓީމުގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކުރިއެވެ. މެޗުގެ 76 ވަނަ މިނިޓްގައި މި ލަނޑު އެލްޗޭއަށް ކާމިޔާބު ކޮށްދިނީ ޕެރޭ މީއާއެވެ.
އެލްޗޭ ދެ ލަނޑު ޖަހާ ރެއާލް ހާސްކަމުގެ ތެރެއަށް ވައްޓާލިއިރު، ރެއާލުން ދިޔައީ ބަލިނުވެ ސަލާމަތް ވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމުމާއު ވަރަށް ގާތްވެފައި ވަނިކޮށް ރެއާލަށް ވަނީ ޕެންލަޓީއެއް ލިބިފައެވެ. މޮޑްރިޗް މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ރެއާލުން ނަތީޖާގެ ފަރަގު ކުޑަކުރި އިރު، އެޓީމަށް ކުޑަ އުންމީދެއް ލިބިގެން ދިޔައެވެ. ރެއާލްގެ މި ލަނޑާއި އެކު އެޓީމުން އިތުރު ހިއްވަރެއް ލާ ކުޅުން އިތުރަށް ވަރުގަދަކޮށް މަސައްކަތް ފެށިތަން ފެނިގެން ދިޔައެވެ. ނަތީޖާއަކަށް ވީ މެޗުގެ 90 މިނެޓު ހަމަވެގެން ދިން އިތުރު ވަގުތުގައި ރެއާލުން އެޓީމުގެ ދެވަނަ ލަނޑުޖަހާ ނަތީޖާ ހަމަހަމަ ކުރުމެވެ. މެޗުގެ އިތުރު ވަގުތުގައި ރެއާލް އަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން ޑިފެންޑަރު އެޑާ މިލިޓާއޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ރޭގެ މެޗުން ބާސާ މޮޅުވީ ރަށުން ބޭރުގައި ޑިޕޯޓިވޯ އަލްވޭސް އަތުން 0-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ބާސާއިން އެޓީމުން މޮޅުވި ލަނޑު ޖަހާފައިވަނީ މެޗު ނިމެން ދަނިކޮށް މެޗުގެ 87 ވަނަ މިނެޓުގައެވެ. މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ޑި ޔޯން އެވެ. ޑި ޔޯން މި ލަނޑު ބާސާއަށް ޖަހައިދިނީ ފެރާން ޓޯރޭސްގެ އެހީތެރިކަމާއި އެކުގައެވެ.
ރޭގެ މި ނަތީޖާ ތަކާއި އެކު ރެއާލް އެއް ވަނައިގައި އޮތީ 22 މެޗުން 50 ޕޮއިންޓާ އެކު އެވެ. އަދި ބާސެލޯނާ ރޭގެ މޮޅާ އެކު ފަސް ވަނައިގައި އޮތީ 21 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލްގެ ދެ ވަނައިގައި އޮތީ 22 މެޗުން 46 ޕޮއިންޓް ލިބިގެން ސެވިއްޔާއެވެ. ތިން ވަނައިގައި 22 މެޗުން 40 ޕޮއިންޓާ އެކު އޮތީ ރެއާލް ބެޓިސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް