ކުޑަކުދިން އެކަށީގެންވާ ގޮތެއްގައި ހެދިބޮޑުވުމަށްޓަކައި ޖިސްމާނީ ހަރަކާތްތައް ނުވަތަ ކަސްރަތު ލިބޭ ފަދަ ހަރަކާތްތައް މުހިންމުވެއެވެ.
މޫސުން ރަނގަޅުނަމަ މިފަދަ ޙަރަކާތްތަކަށް އެންމެ ރަނގަޅީ ކުދިން ބޭރަށް ނެރުމެވެ. ވީވަރަކުން ގެއިންބޭރު (އައުޓްޑޯރ) ޙަރަކާތްތަކުގައި ބައިވެރިކޮށް ކުޅެލާ ހެދުމުގެ ފުރުޞަތު ދިނުމެވެ.
މީގެ ސަބަބުން ކުދިން ކަންތައްތަކަށް ވިސްނުން ހިންގުން (ފޯކަސްކުރުން) އިތުރުވެ، ހެލިފެލިވެ އުޅުމުގައި މުރާލި (އެކްޓިވް) ވާނެއެވެ.
ހަމަ އެގޮތަށް ގެއިންބޭރުގެ ހަރަކާތްތަކުގެ ސަބަބުން ވަށައިގެންވާ މާހައުލާއިމެދު ވިސްނައި ފިކުރުހިންގާ ކަންކަން ތަހައްމަލްކުރުމުގެ ޤާބިލްކަން އިތުރުކޮށްދެއެވެ.
ސްކޫލް އެކްޓިވިޓީތަކުގެ އިތުރުން ކުދިން ކުޅިވަރުގައި ބައިވެރިކުރުމުން އެކުދިންގެ ނަފްސާއި ބުއްދިއާއި ހަށިގަނޑުގެ ޞިއްޙަތު ރަނގަޅުވެއެވެ.
ދުވާލެއްގެ ތެރޭގައި ކޮންމެ ކުއްޖަކަށް ކޮންމެހެން ވެސް ބޭނުންވާ އެއްގަޑިއިރުގެ ހަށިގަނޑުގެ ކަސްރަތު ލިބޭކަމަށް ސްޓެޓިސްޓިކްސް އިން ދައްކަނީ ކޮންމެ ހަތަރު ކުއްޖަކުން އެއްކުއްޖަކަށެވެ.
ގެއިން ބޭރުގައި އެކިއެކި ޙަރަކާތްތަކުގައި ކުދިން ވަގުތު ހޭދަކުރުމަކީ ޢާއިލީ ދިރިއުޅުމުގެ އިންތިޒާމުގެ ތެރޭގައި ހަމަޖެހިފައި އޮންނަ ކަމަކަށް ވާންޖެހޭނެއެވެ.
މިފަދަ ޙަރަކާތްތަކުން ކުދިންނަށް ލިބޭ ފައިދާ ތަކުގެ ތެރޭގައި، ކުއްޖާގެ ހެދިބޮޑުވުމާއި ޞިއްޙަތަށް ފައިދާހުރި ކަމަކަށްވުމުގެ އިތުރުން އެކަށީގެންވާ ގޮތެއްގައި ޙަރަކާތް ތެރިވެއުޅުމުގެ ސަބަބުން ފުންކޮށް ނޭވާލުމާއި ނޭވާލާން ދަތިވުމަށް އޮތް ފަރުވާއަކަށްވެއެވެ.
ނިދަން ފަސޭހަވުމާއި ރަނގަޅަށް ނިދުން ހިމެނެއެވެ. މީގެ އިތުރުން އުޅުމާއި އަހުލާގު ރަނގަޅުވެ، ކުދިން ކަންކަން ފުރިހަމަކުރަން ފޯރި ހުރުމާއި، އަމިއްލަ ނަފްސަށް ކުރާ އިޙްތިރާމު އިތުރުވުމާއި ސްކޫލްގެ ވާޖިބުތަކަށް ފޯކަސްކުރުން އިތުރުވެއެވެ.
ހަމަ އެހެންމެ، ހާސްވުމާއި ކަންބޮޑުވުމާއި ޑިޕްރެޝަންއަށް ކުދިން ހުށަހެޅުމުން ދުރުކޮށްދީ ކުދިންނާ އެއްބައިވެގެން ކަންކަންކުރުމުގެ ރޫޙޫ ދަސްވުމާއި އެހެންކުދިންނާ އޮންނަ ރައްޓެހި ރަޙްމަތްތެރިކަން އިތުރުވުމަކީ ކުޅިވަރުގެ ތެރެއިން ދަސްވާ އިންތިޒާމީ ކަމެކެވެ.
ގެއިންބޭރު ކުޅިވަރު ޙަރަކާތްތަކުގައި ކުދިން ބައިވެރިކުރުމަށް މައިންބަފައިންނަށް ކުރެވިދާނެ ކަންތައްތަކެއް ހުރެއެވެ. ތިރީގައި މިދަންނަވަނީ އެފަދަ ބައެއް ކަންތައްތަކެވެ.
އެކުއްޖަކަށް އެންމެ މުނާސިބު ކުޅިވަރު ޙަރަކާތަކީ ކޮބައިކަން ހޯދުމަށްފަހު، ކުއްޖާ މަޖާވެ ފޫހިނުވާނެ ކަމެއް ހޯދައިދޭށެވެ. އެއްވެސް ކުޅިވަރަކީ ހިތްހަމަޖެހޭ ކުޅިވަރެއްނަމަ އެކަމުގައި ދެމިހުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ބައެއް ޙަރަކާތްތަކުގައި މުޅި ޢާއިލާވެސް ބައިވެރިވާށެވެ. ކުދިން އެކަންޏަކު ނޫނެވެ. މިއީ ޢާއިލާއެކުގައި ވަގުތު ހޭދަކުރަން އެންމެ ރަނގަޅުއެއްގޮތް ކަމުގައި ދެކޭށެވެ.
ކުއްޖާ އިޚްތިޔާރުކުރާ ޙަރަކާތަކީ އެކުއްޖަކު ބޮޑުވެގެން އަންނައިރު ޢުމުރާ ގުޅޭ ކަމަކަށްވޭތޯ ބަލާށެވެ. މިސާލަކަށް ޢުމުރުން ހަތެއް ނުވަތަ އަށް އަހަރުގެ ކުއްޖަކު ބަރު އުފުލުމުގެ މުބާރާތެއްގައި ނުވަތަ ތިން މޭލަށް ދުވުމުގައި ބައިވެރިއެއް ނުވާނެއެވެ. ނަމަވެސް މިޢުމުރު ގައި ފުޓްބޯޅައާއި، ބައިސްކަލް ދުއްވުމާއި ފެތުންފަދަ ކުޅިވަރުތަކަކީ ވަރަށް ރަނގަޅު ޖިސްމާނީ ހަރަކާތްތަކެކެވެ.
ކުޅިވަރު ކުޅޭނެ މުނާސިބު ވަގުތު ކުއްޖާއަށް ލިބޭނެ ގޮތަކަށް ކަންކަން ރާވާށެވެ.
ކުދިން ކުޅިވަރުތަކުގައި ބައިވެރިވެ އުޅޭއިރު އެ މާޙައުލަކީ ކުއްޖާއަށް ރައްކާތެރި ތަނެއްތޯ ބަލާށެވެ. އަދި ކުދިން ކުޅިވަރު ކުޅޭއިރު ލާ ހެދުމަކީ އެކަމަކަށް މުނާސިބު ފަސޭހަ ހެދުމަކަމަކަށް ވާންޖެހެއެވެ.
ކުދިން ކުޅިވަރުތަކުގައި ބައިވެރިވެ އުޅޭއިރު އެކަންތައްތައް ދަސްކޮށްދިނުމަށް މައިން ބަފައިން ބައިވެރިވާން ވާނެއެވެ. ކުއްޖާ އެކަމުގައި ވަގުތު ހޭދަކުރުމަށް އެންމެ ބޮޑު ހިތްވަރަކަށް ވާނީ އޭރުންނެވެ. މުބާރާތެއްގައި ބައިވެރި ވިޔަސް އެކަމަކީ ހަމައެކަނި ވަނަ ހޯދުމަށް އޮތްކަމެއް ނޫންކަށް ދަސްކޮށްދީ ކުޅިވަރުގެ ޙަޤީޤީ ރޫޙަކީ ކޮބައިކަން ވިސްނައިދޭށެވެ. މިގޮތުން ކުދިންނާއެކު އެކުވެރިވެ މީހުންގެ ތެރޭގައި އުޅެން ދަސްކޮށްދިނުމާއި އެކު މަސްއޫލިއްޔަތު އުފުލަން ދަސްކޮށްދޭށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް