ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: އެމްޑީޕީއަށް ގޮނޑި ޔަގީންވީތަ؟!

މި ދުވަސްވަރު ވާހަކައަކަށް ސިޔާސީ ދާއިރާގައި އޮތީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވާހަކަ އެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ ކެންސަރު ބަލީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަނިކޮށް ކޮ...

24 Jan 2022 | 03:26

މި ދުވަސްވަރު ވާހަކައަކަށް ސިޔާސީ ދާއިރާގައި އޮތީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވާހަކަ އެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ ކެންސަރު ބަލީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަނިކޮށް ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ. ބައި އިލެކްޝަން ބޭއްވުމަށް ހަމަ ޖެހިފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

މި އިންތިހާބުގައި ވާދަ ކުރަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދު، އިދިކޮޅު ޕީޕީއެމްގެ ފަރާތުން މުސާ ފަތުހީ އަދި ކާނަލް މުހައްމަދު ނާޒިމްގެ ޕާޓީ އެމްއެންޕީގެ ފަރާތުން އަބްދުލް ހަންނާން އެވެ. އިންތިހާބަށް ކުޑަތަން ވަމުން އަންނަ އިރު ކެމްޕެއިންގެ ފޯރި ގަދަވެ ވާދަވެރިކަން ވަނީ ވަރަށް ވަރުގަދަވެފަ އެވެ.

އިންތިހާބުގައި ވާދަވެރިކަން އިތުރުވެ ކެމްޕެއިން ފޯރި ގަދަވީ ކުއްލިއަކަށް އެ ދާއިރާގެ ރަށްތަކުގައި ސަރުކާރުން ފެށި ބޮޑެތި މަޝްރޫއުތަކާއި އެކު އެވެ. މަރޮށީ ސިއްހީ މަރުކަޒު މަރާމާތު ކުރުން، ފޯކައިދޫ ޓާފު ދަނޑުގައި ލައިޓު ހަރު ކުރުމާއި ކޮމަންޑޫގައި ޓާފު ދަނޑެއް އެޅުމުގެ އިތުރުން މަތި ކޮމަންޑޫ އާއި ކޮމަންޑޫ ބްރިޖަކުން ގުޅާލުމުގެ ބިޔަ މަޝްރޫއު އަކީ މި އިންތިހާބާއި އެކު އަވަސް އަރުވާލައިގެން ފެށި ޕްރޮޖެކްޓުތަކެވެ.

މި މަޝްރޫއުތަކުން އެމްޑީޕީގެ ކެންޑިޑޭޓު ރާޝިދަށް އޮތް ތާއީދު އިތުރުވެފައިވާ ކަމަށް ބުނަމުންދާތީ އިދިކޮޅު ޕީޕީއެމްއިން ބުނީ އެ ހުރިހާ މަޝްރޫއުއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރަން ނިންމާފައިވާ ކަންކަން ކަމަށެވެ. އެހެންވެ އެ ހުރިހާ ކަމެއްގެ ޝުކުރު ހައްގީ ކުރީ ސަރުކާރަށް ކަމަށާއި އެ ތަރައްގީ ރަށަށް ގެންނަން ބޭނުންނަމަ ފަތުހީ ހޮވަން ޖެހޭ ކަމަށް ދަނީ ބުނަމުންނެވެ.

މިފަދަ ސިޔާސި ވާހަކައެއް ދެއްކެން ނެތީ އެމްއެންޕީގެ ކެންޑިޑޭޓު ހަންނާނު އަށެވެ. މުޅިން އަލަށް ޖުދޫދަށް އައި އެމްއެންޕީން ވާދަ ކުރާ ފުރަތަމަ އިންތިހާބަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވާއިރު ހަންނާން ދަނީ ގިނަ ވައުދުތަކެއް ވަމުންނެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ވައުދަނީ މެމްބަރުކަން ލިބިއްޖެ ނަމަ މުސާރައިން ވަކި ޕަސެންޓަކުން ފަންޑެއް އުފައްދައި ދާއިރާގެ ރައްޔިތުންނަށް އިންޓްރެސްޓު ފްރީ ލޯނު ދިނުމެވެ.

އިދިކޮޅާއި އެމްއެންޕީގެ ކެމްޕެއިން މެކުހަށް ޖަހާފައިވަނިކޮށް އެމްޑީޕީން ދެން ދައްކާލީ އިތުރު ކަމެކެވެ. ކޯލިޝަންގައި ހިމެނޭ ޖޭޕީ އާއި އަދާލަތު ޕާޓީން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރާކަން ހާމަ ކުރުމުން ބައި ބޮޑުވިތަނާއި ގޮނޑި ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ހޯދި ތަނެވެ.

އެކަމަކު ގިނަ ބައެއްގެ ސުވާލަކީ މަޝްރޫއުތައް ފަށައި އަދާލަތާއި ޖޭޕީ، އެމްޑީޕީ ކޮޅަށް ދިއުމުން ގޮނޑި ހަމަ ކަށަވަރު ވެދާނެ ތޯއެވެ. އެމްޑީޕީގެ ދެ ރައީސުން ފޯރިއާއި އެކު ހަފްތާއަކު އެއް ފަހަރު ކޮމަންޑޫ ދާއިރާއަށް ދަތުރު ކުރައްވައިގެން ހަމަ އެ ގޮނޑި ކާމިޔާބު ވެދާނެ ބާއެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި އަތޮޅު ތެރެއިން ހާއްސަކޮށް ށ. އަތޮޅުން ވަނީ އެފަދަ މަންޒަރެއް އެމްޑީޕީ ތެރެއިން ފެނިފަ އެވެ. ރައީސް މުހައްމަދު ނަޝީދު ވަޑައިގެން ކެމްޕެއިން ކޮށްދެއްވި ކެންޑިޑޭޓަށް އެ އަތޮޅުގެ ދާއިރާއެއްގެ އެމްޑީޕީ މެމްބަރުން ވަނީ ނޫނެކޭ ބުނެފަ އެވެ.

އެހެން ކަމުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާ ނުކުންނާނެ ގޮތް އަދި އަންދާޒާކޮށްލަންވެސް ނޭނގޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް