ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަަކަށް އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމާއިބެހޭ އުސޫލު އެކުލަވާލައި އެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.
މި އުސޫލު އެކުލަވާލައި އަމަލުކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.
މިއީ ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 5-60 ވަނަ މާއްދާގެ (ދ) ގެ ދަށުން އެކުލަވާލާފައިވާ އުސޫލުކެވެ. މި އިސްލާހު މި ގާނޫނަށް ގެނެސް ފާސްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު 29ގައެވެ .
މިއަދުން ފެށިގެން އަމަލުކުރަންފަށާ މި އުސޫލުގައި ބުނެފައިވަނީ ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން، ކަމާބެހޭ ގާނޫނުތަކުގައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާނަމަ، އެ ކުދިންގެ އުފަންވުން، މި އުސޫޅުގައި ބަޔާންކޮށްފައިވާގޮތުގެމަތީން ރަޖިސްޓްރީ ކުރަންވާނެކަމަށެވެ.
އެގޮތުން އެފަދަ ކުދިން ރަޖިސްޓްރީކޮށްދެވޭނީ އެ ކުއްޖަކީ، ދިވެހި ރައްޔިތަކަށް އުފަން ދަރިއަކު ކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅައި، އެ ކުއްޖެއްގެ އުފަންވުމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުންކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.
އެއަށްފަހު އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ނުވަތަ ސީޓީއެއގެ ކައުންސިލަށް ހުށަހަޅަންވާނެ ކަމަށާއި އެއަށްފަހު އުފަންދުވަހުގެ ސެޓިފިކެޓް ހެއްދުމުގެ ކަންކަން އެ ކައުންސިލަކުން ކުރިއަށްގެންދަންވާނެކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް