ވެކްސިން ޖަހާ އުމުރުފުރާތަކުގެ އެންމެންނަށް މިހާރު ރެޖިސްޓްރީ ވެވޭނެ: ޑރ. ނަޒްލާ

ކޯވިޑް-19 ވެކްސިން ޖަހާ އުމުރުފުރާތަކުގެ އެންމެންނަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކޯވިޑް ވެކްސިން ޖެހުމަށް ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ ...

24 Jan 2021 | 18:21

ކޯވިޑް-19 ވެކްސިން ޖަހާ އުމުރުފުރާތަކުގެ އެންމެންނަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޯވިޑް ވެކްސިން ޖެހުމަށް ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އެ ޕޯޓަލްގައި ފުރަތަމަ ރެޖިސްޓްރީ ކުރަން އެންގީ ސިއްހީ ހިދުމަތްތެރިންނަށާއި ސޯޝަލް ކެއާ ވޯކަރުންނެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވީހާވެސް ގިނަ ބަޔަކު ރެޖިސްޓްރީވުމަކީ އެދިވަޑައިގެންނަވާ ކަމެއް ކަމަށެވެ. އަދި މިހާރު ކޮންމެ މީހަކަށްވެސް އެ ޕޯޓަށް މެދުވެރިކޮށް ކޯވިޑް-19 ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ޕޯޓަލްގައި ވެކްސިން ޖެހުމަށް 19،000 މީހުން ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި ދުވާލަކު 1،000 އަކަށްވުރެ ގިނަ މީހުން ރެޖިސްޓްރީވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށެވެ. އަދި މާބަނޑު މީހުންނަށް ވެކްސިން ނުޖަހާނެ ކަމަށް ބުނެ އެވެ.

ވެކްސިން ދިނުމުގައި ފުރަތަމަ އިސްކަން ދެނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނށެވެ. އޭގެ ފަހުން އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވެ އެވެ.

އެކަމަކު ވެކްސިން ދޭން ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ. ވެކްސިން ޖަހަން ރެޖިސްޓްރީ ކުރަން ޖެހެނީ my.health.mv ގައި އެވެ.

ކޯވިޑް-19 ގެ ވެކްސިންގެ ތެރެއިން ރާއްޖެއަށް މިހާރު ލިބިފައިވާ “ކޯވިޝީލްޑް” ވެކްސިން އަކީ އިންޑިއާއިން ހިލޭ ދީފައިވާ ވެކްސިން ޑޯޒުތަކެކެވެ. އެ ގައުމުން ވަނީ “ކޯވިޝީލްޑް” ވެކްސިންގެ 100،000 ޑޯޒު ރާއްޖެއަށް ހަދިޔާ ކޮށްފައި އެވެ.

މީގެ އިތުރުން ސަރުކާރުން އަންނަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ އިން ކޮވިޑާ ދެކޮޅަށް އުފެއްދި “ކޯވިޝީލްޑް” ވެކްސިންގެ 700،000 ޑޯޒް ގަތުމަށް މަސައްކަތްކުރަމުންނެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރާއި އެ ކުންފުންޏާއި ދެމެދު ވަނީ ސޮއި ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް