ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ކަނޑައެޅުމުން އެ މައްސަކަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. އަންވަރު ހުށަހެޅުއްވި މައްސަލައިގަ އެދިފައިވަނީ ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ލާ މަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފް ކަމަށް ކަނޑައަޅައި އެ މާއްދާ ބާތިލް ކޮށްދިނުމަށެވެ.
މި މައްސަލައިގަ މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މޫސާ އަންވަރު ސުވާލު އުފައްދާފައިވާ ގާނޫނީ މާއްދާތަކަކީ، ގާނޫނުއަސާސީއާ ތައާރުޒުނުވާ ގޮތެއްގެ މަތިން، ބަޔާންކުރާ ގޮތަށް، ސައްހަ އިޖުރާއަތެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނީ މާއްދާތަކެއް ކަމަށެވެ.
އަދި މުޖުތަމައުގެ އާންމު ހާލަތަށް ވުރެ ނިކަމެތިކަން ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް، ނުވަތަ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށް ކުރާ ކަންތައްތަކަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ތަފާތުކުރުން ކަމަށް ނުވާނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
މިމައްސަލައިގަ ހައި ކޯޓުން ކުރި ހުކުމާއި މެދު ހިތްހަމަ ނުޖެހޭކަން ފާޅު ކުރައްވާ "ދުވަސް" އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ހުކުމުން ގާނޫނުއަސާސީގެ ހައްގުތަކުގެ ބާބު ކަފުންކުރުމަށް ފުރުސަތު ލިބޭ ކަމަށެވެ. އަދި އެ ހުކުމަކީ ގާނޫނު މާނަކުރުމުގެ އަސާސީ މަގުސަދުތަކާއި ހިލާފު ކަމަކަށް ވާތީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވަރަށް އަވަހަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް