ކޮޅުފުށި މޮނިޓަރިންގެ ހާލަތުގައި

މ. ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ކޮޅުފުށީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާ...

24 Jan 2021 | 17:40

މ. ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ކޮޅުފުށީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށެވެ. އަދި މިއަދުން ފެށިގެން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެ ރަށަށް މީހުން އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.

އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މާލޭގައި ދިރިއުޅޭ އެ ރަށު މީހަކު އެ ރަށަށް ޗުއްޓީއަށް ދިއުމަށްފަހު އެނބުރި މާލެ އައިސް ކޯވިޑަށް ޓެސްޓު ކުރި އިރު ބައްޔަށް ޕޮސިޓިވްވުމުންނެވެ. އެމީހާ ކޯވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުންނެވެ.

މި ކޭސް އާއި ގުޅިގެން ކޮޅުފުށީގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ވަނީ ފަށާފައި އެވެ. އިތުރު ތަފްސީލް އެޗްޕީއޭއިން އަދި ހާމައެއް ނުކުރެ އެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ކޮޅުފުށީގެ އިތުރުން ގއ. ދެއްވަދޫ އާއި ދާންދޫ އެވެ. އެ ދެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ދެއްވަދޫ ކްލަސްޓާ އާއި ގުޅިގެންނެވެ.

އެޗްޕީއޭއިން ބުނީ ދެއްވަދޫ ކްލަސްޓާ އާއި ގުޅުންހުރި 83 މީހަކު މިހާތަނަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އެންމެ ފަހުން އެ ކްލަސްޓާ އާއި ގުޅުން ހުރި މީހަކު ޕޮސިޓިވްވެފައިވަނީ އިއްޔެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް