ޖިންސީ ގޯނާގެ ތުހުމަތުގައި ކުރާ ދައުވާތަކަށް އަލީ ވަހީދު އިންކާރުކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އޭނާ އިންކާރު ކޮށްފިއެވެ. މިދިޔަ ނޮވެމްބަރު މ...

24 Jan 2021 | 15:00

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އޭނާ އިންކާރު ކޮށްފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ހަތް ދައުވާއެއް އުފުލާފަ އެވެ.

އެއީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ރޭޕް ކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

އަލީ ވަހީދުގެ މައްސަލަތަކުގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާތައް އިއްވައި ހެކި ހުށަހެޅި އިރު، އެ ހުރިހާ ދައުވާތަކަށް އަލީ ވަހީދު އިންކާރު ކުރެއްވި ވަނީ މަޢުލޫމާތު ލިބިފަ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކާ ހަވާލާދީ ރާއްޖޭގެ އޮންލައިންތަކުގައި ބުނެފައިވަނީ މިއަދުގެ އަޑުއެހުން ނިންމާލީ އަލީ ވަހީދުގެ ފަރާތުން ހެއްކާއި އެހެނިހެން ހުށަހެޅުންތައް ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށްފަހުގައި ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރީ، އެ މައްސަލައާ ގުޅިގެން އިސްތިއުފާ ދެއްވުމަށް އެންގުމުންވެސް މަގާމުން އިސްތިއުފާ ނުދެއްވުމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް