ސްޕެއިން ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ސަޖިޓޫރު (SEGITTUR) ގެ ރައީސް މިސްޓަރ އެންރިކް މާރޓިނެޒް މަރިން އާއި ޑިރެކްޓަރ އޮފް ޓޫރިޒަމް ރިސާރޗް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން މިސްޓަރ ކާރލޯސް ރޮމާރިއޯ އާއި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބުދުﷲ މަޢުޞޫމް ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ސަޖިޓޫރު ފަރާތުން ސްޕެއިންގެ ފަތުރުވެރިކަން ތަރައްޤީކުރަން ގެންގުޅޭ ސިޔާޞަތުތަކާއި، ފަތުރުވެރިކަން ކުރިއެރުވުމަށް އެކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ މަޢުލޫމާތު ޙިއްސާކުރެއްވި އެވެ. އަދި ވަކިން ޚާއްސަކޮށް ފަތުރުވެރިކަން ކުރިއެރުވުމުގައި ރިސާރޗާއި ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ އަދި ބޭނުން ކުރަމުންދާ ގޮތްތަކުގެ މަޢުލޫމާތު ޙިއްސާކުރެއްވިއެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. މަޢުޞޫމުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެކަމުގައި ސަޖިޓޫރުގެ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް ގިނަކަންތައްތަކެއް ރާއްޖޭގައިވެސް ތަންފީޒުކުރުމުގެ ފުރުޞަތު އޮތްކަމަށް ފާހަގަކުރެއްވިއެވެ.
ސަޖިޓޫރަކީ ރިސާރޗާއި އަދި ޓެކްނޮލޮޖީގެ ކުރިއެރުން ބޭނުންކޮށްގެން ފަތުރުވެރިކަން ޒަމާނާއި އެއްގޮތައް ކުރިއަރުވައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަމުގެ ތެރޭގައި ސްޕެއިންއަކީ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.
މި ބައްދަލުވުން ބޭއްވުނީ ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ 113 ވަނަ ކައުންސިލް ބައްދަލުވުމަށް ޓޫރިޒަމް މިނިސްޓަރ ސްޕެއިންއަށް ކުރެއްވި ދަތުރުފުޅާއި ގުޅުވައިގެން 21 ޖަނަވަރީ 2021 ވަނަ ދުވަހު ސަޖިޓޫރުގެ އޮފީހުގައެވެ. މިބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކަޓިވް ޑިރެކްޓަރ އަލްފާޟިލާ ފަޟީލާ ޢަލީވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް