ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރީ ރަނގަޅަށް: ހައިކޯޓު

ލޯކަލް ކައުންސިލްތަކުގައި 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް...

24 Jan 2021 | 11:05

ލޯކަލް ކައުންސިލްތަކުގައި 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގަ އެދިފައިވަނީ ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ލާ މަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފް ކަމަށް ކަނޑައަޅައި އެ މާއްދާ ބާތިލް ކޮށްދިނުމަށެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ ނޮވެމްބަރު ހަތަރު ވަނަ ދުވަހު އެވެ.

ހައިކޯޓުން މި މައްސަލައިގަ މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މޫސާ އަންވަރު ސުވާލު އުފައްދާފައިވާ ގާނޫނީ މާއްދާތަކަކީ، ގާނޫނުއަސާސީއާ ތައާރުޒުނުވާ ގޮތެއްގެ މަތިން، ބަޔާންކުރާ ގޮތަށް، ސައްހަ އިޖުރާއަތެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނީ މާއްދާތަކެއް ކަމަށެވެ.

އަދި މުޖުތަމައުގެ އާންމު ހާލަތަށް ވުރެ ނިކަމެތިކަން ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް، ނުވަތަ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ނުވަތަ ރައްކާތެރިކަން ލިބިދިނުމަށް ކުރާ ކަންތައްތަކަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ތަފާތުކުރުން ކަމަށް ނުވާނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ ހުކުމުގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ އިންތިހާބުތަކުގެ ނަތީޖާތަކަށް ބަލާއިރު، އަދި މުޖުތަމައުގައި އަންހެނުންނާ މެދު ނުވަތަ އަންހެނަކަށް ވީތީ ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ ސަބަބުން، އަންހެނުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމަށް ލިބިފައިވާ ފުރުސަތު ހަނިވެފައިވާ ކަމަށެވެ. އެކަމަށް ފަރުވާއެއް ދިނުމަށް ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަކޮށް ގިންތި ކުރި ކުރުމަކީ ބުއްދީގެ ހަމައިން ގަބޫލުކުރެވޭ ބުއްދި ކުރުމެއް ކަމަށް ހުކުމްގައިވެ އެވެ.

ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނީ ރާއްޖޭގެ އިގްތިސޯދީ، އިޖްތިމާއީ، ސަގާފީ، މަދަނީ އަދި ސިޔާސީ މައިދާނުގައި ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށް ފުރުސަތު ލިބިގެންވާކަން ކަށަވަރުކުރުމަށާއި ޖެންޑާ އީކުއަލިޓީ ގާއިމުކުރުމަށް ހާއްސަ ފިޔަވަޅެއް އެޅުމުގެ ގޮތުންނާއި އަދި ހުރިހާ ގޮތަކުން ވެސް ޖެންޑާ އީކުއަލިޓީ ގާއިމުކުރުމަށް އެކަށައަޅާފައިވާ ސިޔާސަތަށް އަމަލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަންހެނުންނަށް އިންތިހާބުގައި ގޮނޑި ހާއްސަކުރުމަކީ ރާއްޖޭގެ ޖެންޑަ އީކުއަލިޓީގެ ގާނޫނު ވެސް ހުއްދަކުރާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް