ޤުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ހުޅުވައިގެން ކިޔަވައި ދިނުމުގެ ހުއްދަ ދީފި އެވެ.
ޤުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ހުޅުުމުގެ ހުއްދަ އެޗްޕީއޭއިން ދީފައި މިވަނީ އެ ތަންތަން ހުޅުވުމުގެ ހުއްދަ ނުދީ ލަސްކުރާތީ ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ. ސްކޫލްތައް ހުޅުވުމާއި އެކު ޓިއުޝަން ސެންޓަރުތަކާއި ޤުރުއާން ކްލާސްތައް ހުޅުވި ނަމަވެސް އެޗްޕީއޭގެ އެންގުމަށް އެތަންތަން ވަނީ މިދިޔަ ހަފްތާގައި ބަންދު ކޮށްފައި އެވެ.
އެޗްޕީއޭއިން މިދިޔަ ހަފްތާގައި ބުނީ އެތަންތަން ހުޅުވަން ހުއްދަ ނުދޭ ކަމަށާއި އެފަދަ ތަންތަން ހިންގުމާއި ގުޅޭ ގައިޑްލައިނެއްވެސް އެކުލަވާލާފައި ނުވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޤުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް މިއަދުން ފެށިގެން ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާ ކަމަށެވެ. އެހެން ކަމުން އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަން މިއަދުން ފެށިގެން ހުޅުވައިގެން ހިންގޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެ ތަންތަން ހިންގާވާނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަން ވަރަށް ރަނގަޅަށް ކަށަވަރު ކުރަން ޖެހޭނެ ކަމަށް ބުނެ އެވެ.
https://twitter.com/MoEdumv/status/1353279144784588800
މާލޭގައި ސްކޫލްތަކުގައި ކިޔެވުން ފެށުމާއި އެކު ހުޅުވައިގެން ހިންގަން ފެށި ބައެއް ޤުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ހިންގީ ރައްކާތެރިކަމުގެ ރަނގަޅު ފިޔަވަޅުތަކާއި އެކު އެވެ.
އެގޮތުން އެއް ފަހަރާ ކިޔަވައިދޭ ކުދިންގެ އަދަދު މަދުކޮށް އިޖްތިމާއީ ގައިދުރު ކަމާ އެކު ކިޔަވައި ދިނުން ކުރިޔަށް ގެންގޮސްފައިވެ އެވެ. އަދި ކްލާސްތަކަށް ކުދިން ވައްދާއިރު ފިނިހޫނުމިން ބެލުން ފަދަ ރައްކާތެރިކަމުގެ ގޮތުން ތައުލީމް ދޭ ތަންތަނުގައި އަމަލު ކުރަން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނަށް އަމަލު ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް