މާލޭގައި ހިންދޫ ދީނުގެ ޢީދެއް ފާހަގަކުރި މައްސަލައާ ގުޅޭގޮތުން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ޔޫތު މިނިސްޓްރީއަށް ސިޓީއެއް

ހިންދޫގެ އިރު ކަލާނގެއަށް ނިސްބަތްކޮށް ފާހަގަ ކުރާ ޕޮންގަލް ޢީދު މާލޭ އެކުވެނި ދަނޑުގައި ފާހަގަ ކުރި މައްސަލައާ ގުޅޭގޮތުން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ޔޫތު މިނިސްޓްރީއަށް މިއަދު ސިޓީއެއް ފޮނުވާފަ...

24 Jan 2021 | 09:24

ހިންދޫގެ އިރު ކަލާނގެއަށް ނިސްބަތްކޮށް ފާހަގަ ކުރާ ޕޮންގަލް ޢީދު މާލޭ އެކުވެނި ދަނޑުގައި ފާހަގަ ކުރި މައްސަލައާ ގުޅޭގޮތުން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ޔޫތު މިނިސްޓްރީއަށް މިއަދު ސިޓީއެއް ފޮނުވާފައި ވާކަމަށް އިލްމުވެރިންގެ ގުޅުމުން ހާމަކޮށްފިއެވެ.

އަހަރެމެން ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު، މިގައުމުގައި އޮތް އިސްލާމީ ވަޙުދަތު ފުނޑުފުނޑުކޮށްލަން ބަޔަކު މަސައްކަތް ކުރާ ކަމުގައި މި ސިޓީގައި ވެއެވެ.

އެގޮތުން ބޭރުގެ ފަންޑިންގެ އެހީގައި އިސްލާމްދީނާމެދު ދޮގު ރިޕޯޓްތައް ލިޔެ، ރައްޔިތުންގެ ވިސްނުމާ ކުޅެ، ދީނީ އެއްބައިވަންތަކަން ނިގުޅައިގަންނަން މި ފަހުންވެސް ބަޔަކު މަސައްކަތް ކޮށްފައި ވާކަމަށް މި ސިޓީގައި ވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުން އެކުވެ، އެފަދަ ކަންކަމާ ދެކޮޅަށް އަޑު އުފުލި ނަމަވެސް، ކަމާބެހޭ އިދާރާތަކުގެ ފަރާތުން އެފަދަ މައްސަލަ ތަކުގައި އެޅެން ހުރި ގިނަ ފިޔަވަޅުތަކެއް ނޭޅި، ދިގު މުއްދަތެއް ވެފައި ވާކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެއެވެ.

" ޤާނޫނީ އިޖުރާއަޠުތަކުގެ ތެރެއިން ޝަރުޢީ މަޤާޞިދު ޙާޞިލުވަމުން ދާތަން ފެންނަން ނެތުމާއެކު، ފެންނަމުން ދަނީ ދީނާ ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތައް ބާރުވެރިވެ، އެފަދަ ކަންތައް ތަކުރާރުވަމުން ދާ ތަނެވެ." ސިޓީގައި ވެއެވެ.

https://twitter.com/ilmugeGulhun/status/1353264082590298112

އެގޮތުން ބިދޭސީން ދަނީ އެއްވެސް ޖެހިލުމެއް ނެތި ރާއްޖޭގެ ޤާނޫނާއި އަދި އިސްލާމީ ޝަރީޢަތާވެސް ޚިލާފު ކަންތައްތަކެއް ރާއްޖޭގައި ކުރަމުން ކަމަށާއި، އެމީހުންގެ ބާޠިލު ދީންތަކުގެ ޢީދު ފާހަގަކުރާ ތަނަކަށް ރާއްޖެ ވެފައިވާކަމަށެވެ.

ނަމަވެސް އެކަމުގެ ބެލެނިވެރި ފަރާތްތަކުން އެކަމަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި، ލޯ މަރާލައިގެން ތިބޭކަން ފާހަގަ ކުރެވިފައި ވާ ކަމަށް މި ސިޓީގައި ވެއެވެ.

އިސްލާމީ ފަސްގަނޑުގައު މިފަދަ ކަންތައްތައް ހިނގުމަކީ ދިވެހިންވެސް އަދި ދީނީ ޢިލްމުވެރިންވެސް ކަންބޮޑުވާ ކަމެއް ކަމަށް ޢިލްމުވެރިންގެ ގުޅުމުން ބުނެއެވެ. އެހެންކަމުން މި ފަހުން ހިންދޫގެ އިރު ކަލާނގެއަށް ނިސްބަތްކޮށް ފާހަގަ ކުރާ ޕޮންގަލް ޢީދު މާލޭ އެކުވެނި ދަނޑުގައި ފާހަގަ ކުރި މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ބާރުއެޅުމަށާއި އެކަމުގައި ބައިވެރިވި މީހުންނަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރެއިން، ޔޫތް މިނިސްޓްރީއަށް އެޅެން ހުރި ފިޔަވަޅުތައް އަޅައިދިނުމަށް އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް