މާދަމާއިން ފެށިގެން ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފި

މާދަމާއިން ފެށިގެން ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއ...

24 Jan 2021 | 07:59

މާދަމާއިން ފެށިގެން ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އާންމު ކޮށްފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރާ ނަމަ ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވައިލުން އެންމެ ރަނގަޅު ކަމަށެވެ. އެޗްޕީއޭއިން ސިނަމާ ތަކާއި ތިއޭޓަރުތަކުގައި އަމަލު ކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިންގެ ނަމަކީ "ކޯވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއި އެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުން ކުރަންވީ ގޮތުގެ އުސޫލު" އެވެ.

ކޯވިޑް-19 އާއި ގުޅިގެން ސިނަމާތަކާއި ތިއޭޓަރުތައް ބަންދު ކުރަން އެންގީ މިދިޔަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު ދެ ހަފްތާގެ މުއްދަތަށެވެ. އޭގެ ފަހުން އެ މަހުގެ 30 ވަނަ ދުވަހު ދުވަހު ވަނީ މުއްދަތެއް ނެތްގޮތަށް އެތަންތަން ބަންދު ކުރަން އެޗްޕީއޭއިން އަންގާފައި އެވެ.

އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވަނީ އެތަންތަން ބަންދު ކުރަން އެންގީ ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް ޓަކައި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި މިއަދު ނެރުނު އިއުލާނާއި އެކު މާޗް 16 ވަނަ ދުވަހު ސިނަމާތަކާއި ތިއޭޓަރުތައް ބަންދު ކުރަން ނެރުނު އެންގުން ބާތިލް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ދަނީ ބަދަލު އަންނަމުންނެވެ. އެގޮތުން މިހާރު މާލެ އާއި އަތޮޅުތަކަށްވުރެ ބޮޑަށް ބަލި ފެތުރެމުން ދަނީ ރިސޯޓުތަކުގައި އެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 14،885 މީހުން ޕޮސިޓިވްވެފައިވެ އެވެ. މި ބަލީގައި 50 މީހުން މަރުވެފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން 13،813 މީހުން ވަނީ ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް