އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މަގާމުން ވަކި ކުރަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
ބޮންޑާ މިހެން ވިދާޅުވީ ކ. މާފުށި ކުނި އަޅާ ސަރަހައްދު އަންދާތީ އެކަމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އެވެ.
ބޮންޑާ ވިދާޅުވީ ބާބެޓެރިތަކާ ވިހަކެމިކަލްތަކާއެކު މަފުށީ ކުނިގޮނޑު އެންދުމުން ވިހަދުމާއި ނުބައި ވަސް މާފުށީ ރެސްޓޯރަންޓްތަކާއި ގެސްޓުހައުސްތަކަށް ރޭ ފެތުރުނު ކަމަށެވެ. މިކަމަކީ އާންމު ސިއްހަތައް ނުރައްކާވެ މާފުށި ޓޫރިޒަމަކަށް ގެންލުން ވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ކުނި ވަޒީރު" މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ. ކުނި ނައްތާލުމާއި ތިމާވެށީގެ މައްސަލަތަކާއި ގުޅޭ މިނިސްޓަރަކީ ޑރ. ހުސައިން އެވެ.
https://twitter.com/BondeM4/status/1353019949011226630
ޑރ.. ހުސައިން މަގާމުން ވަކި ކުރުމާއި ގުޅޭގޮތުން އިތުރު އެމްޑީޕީ މެމްބަރަކު ވާހަކަ ނުދެއްކި ނަމަވެސް ކޮންމެ ފަހަރަކު މިގޮތަށް އެމްޑީޕީ މެމްބަރަކު ވާހަކަ ދައްކަވައިފި ނަމަ އެ މިނިސްޓަރަކު އެ މައްސަލައެއްގައި ޖެހި ތާށިވާތަން އާދެ އެވެ. އެގޮތުން މިހާރުވެސް އެމްޑީޕީ މެމްބަރުން ހިތްހަމަ ޖެހިވަޑައި ނުގެންނަވާތީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު މަގާމުން ވަކިކޮށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ވަނީ ދަންނަވާފައި އެވެ.
އެމްޑީޕީ ޕީޖީން ބުނީ އަންނަ މަހު މަޖިލީސް ފެށެން ވާއިރަށް ރައީސް ގޮތެއް ނުނިންމަވައިފި ނަމަ މަޖިލީހުގެ ތެރެއިން މަލީހު ވަކި ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މީގެ އިތުރުން މީގެ ކުރިން އެމްޑީޕީން ވަނީ ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ޝަރީފު ވަކި ކުރަން މަސައްކަތް ކޮށްފައި އެވެ. އެ މައްސަލައިގަ އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައި އެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ އެކި ފަހަރުމަތިން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުން ވަކި ކުރަން މައްސަލަ ވައްދާނެ ކަމަށްވެސް ބުނެފައި އެވެ. އެކަމަކު މިހާތަނަށް އެކަން ކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް