ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިޔަށް ގެންދާނީ ސިއްރުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
މިނިސްޓަރަކަށް ހުންނެވި އިރު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަލީ ވަހީދާއި ދެކޮޅަށް މި މައްސަލައިގަ ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ.
މި މައްސަލަތަކުގެ ޝަރިއަތުގެ އިބްތިދާއީ ބަހުސް ފެށުމަށް ތާވަލު ކޮށްފައިވަނީ މިއަދު މެންދުރު 1:30 ގައި އެވެ. ކްރިމިނަލް ކޯޓުން މީޑިއާގައި ބުނީ ޝަރީއަތް ކުރިޔަށް ދާނީ ސިއްރުން ކަމަށާއި އެކަމަކު ޝަރީއަތުގެ ނިންމުމާއި ހިނގާގޮތް ހާމަ ކުރާނެ ކަމަށެވެ.
ޖިންސީ ގޯނާ އާއި ގުޅޭ ޝަރީއަތްތައް ކޯޓުތަކުގައި ކުރިޔަށް ގެންދާނީ ސިއްރުންނެވެ. މިގޮތަށް ނިންމާފައި އޮންނަނީ ޖިންސީ ކުށްތަކުގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަ ނުކުރުމަށާއި ދެކެވޭ ވާހަކަތަކުގެ ސަބަބުންނެވެ.
އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ދައުވަތަކުގެ ތެރޭގައި ޖިންސީ އަނިޔާ ކުރުން، ރޭޕް ކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނު ކަމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުން ހިމެނެ އެވެ.
މިމައްސަލައިގަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރީ އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ދިން ފުރުސަތުގައި އެގޮތަށް އަމަލު ނުކުރެއްވުމުންނެވެ. އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރީ މިދިޔަ އަހަރުގެ ޖުލައި ނުވަ ވަނަ ދުވަހު އެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ ވަހީދަށް އަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް