އެގްރޯނެޓް: ބެލެނިވެރިއެއްގެ ގޮތުގައި ދަނޑުވެރިންގެ ދަތިތަކަށް ހައްލު ހޯދައިދީ މަންފާ ހޯދައިދިނުމަށް ތައްޔާރަށް

ދަނޑުވެރިން އުފައްދާ ތަކެތި، ރަނގަޅު އަގުގައި ތާޒާކަމާއެކު، ބާޒާރަށް ނެރެ އެތަކެތި މާކެޓު ކުރުމުގައި ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި ކޯޕަރޭޝަނެއް ވު...

24 Jan 2021 | 06:31

ދަނޑުވެރިން އުފައްދާ ތަކެތި، ރަނގަޅު އަގުގައި ތާޒާކަމާއެކު، ބާޒާރަށް ނެރެ އެތަކެތި މާކެޓު ކުރުމުގައި ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި ކޯޕަރޭޝަނެއް ވުޖޫދުވެގެން އައީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ކޮވިޑުގެ ނުރައްކާ އެންމެ ބޮޑު ދުވަސްވަރު އުފެދިގެން އައި މި ކޯޕަރޭޝަނުން ދަނޑުވެރިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ ރޯދަ މަހުގައިވެސް ގިނަ މަސައްކަތްތައް ކޮށްފައިވެއެވެ.ދަނޑުވެރިން އަތުން ދަނޑުވެރިންގެ އުފެއްދުންތައް ގަނެ ބާޒާރަށް ނެރެދީފައިވެއެވެ. އަދި ކުރިއަށް މި އޮތް ރޯދަ މަހަށްވެސް އެ ކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

މިދިޔަ އަހަރުގެ ދަނޑުވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިފަދައިން ދަނޑުވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުވެރިން އުފައްދާ ތަކެތި، ރަނގަޅު އަގުގައި ތާޒާކަމާއެކު، ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުމެވެ. އެގްރޯނެޓް އުފެދިގެން އައީ މިކަމުގެ ހައްލެއްގެ ގޮތުގައިކަމުގައި ރައިސް އެދުވަހު ފާހަގަކުރެއްވިއެވެ.

އުފެދުނުތާ އަދި އަހަރެއްވެސް ނުވާ އެގްރޯނެޓުން މި އަހަރަށް އަންނަނީ ދަނޑުވެރިންނަށް މަންފާވާނެ، ލިބޭ ގެއްލުންތަކުން އަރައިގަނެވޭނެ، އަދި ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށް ޕްލޭންތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިން ޕްރޮޖެކްޓަކީ ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓް ކުރުމަށް އޮތް ރަނުގެ ފުރުސަތެކެވެ.

ދުވަހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިކަންކަމުގެ އިތުރު ތަފްސީލު ކިޔާދެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހާރޫން ރަޝީދެވެ.

"ދަނޑުވެރިންނަށް ލިބިގެން މިދަނީ ވަރަށް ރަނގަޅު ފުރުސަތުތަކެއް، ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދޭނެ ފަރާތެއް ކުރިއަކު ނެތް، ރަނގަޅު ގޮތުގައި، މަންފާ ކުރާނެހެން ދަނޑުވެރިކަން ކުރާނެގޮތް ބުނެދީ ތަމްރީނު ފުރުސަތުތައް ހޯދަދޭނެ ފަރާތެއްވެސް ކުރިއަކުނެތް، އަޅުގަނޑުމެން މިތިބީ ދަނޑުވެރިންގެ ބެލެނިވެރިންގެ ގޮތުގައި ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް" ހާރޫން ރަޝީދު ވިދާޅުވިއެވެ.

މިހާރު ކުރެވެމުން އަންނަ، އަދި މި އަހަރަށް ހުރި ޕްލޭންތައް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ މިހާރު ތައްޔާރުވަމުން އަންނަނީ ލ އަތޮޅު ނުހިމެނޭހެން އިއުލާނުކޮށްފައިވާ 45ރަށުން ކޮންޓްރެކްޓް ފާމިން އުސޫލުގެ ދަށުން ދަނޑުވެރިން ހޯދާ، އެ ދަނޑުވެރިންނާއެކު އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތެވެ.

ލ އަތޮޅުގެ ހަތް ރަށަކުން 159 ދަނޑުވެރިއަކާއެކު މި އެއްބަސްވުން އެގްރޯނެޓުން މިހާރު ވަނީ އެކުވަލާލާފައެވެ.

އެ ކޯޕަރޭޝަނުން މައުލޫމާތުދެއްވާގޮތުގައި މިހާރު އިއުލާނުކޮށްފައިވާ 45 ރަށުގެ ތެރެއިން މިހާތަނަށް 1480 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

ކޮންޓްރެކްޓް ފާމިންގެ އުސޫލުން ދަނޑުވެރިކަން ކުރުމަށް އެގްރޯނެޓާއެކު އެއްބަސްވާ ފަރާތްތަކުން ގިނަ ފައިދާތަކެއް އެބަހުއްޓެވެ. އުފައްދާތަކެތި ރައްކާކޮށް، ރާއްޖެއަށް މާކެޓް ކޮށްދޭނީ އެގްރޯނެޓުންނެވެ. ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދޭނެއެވެ. ދަނޑުވެރިކަން ކުރުމުގައި ދިމާވާ ގޮންޖެހުންތަކުގައި އެގްރޯނެޓުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ.

މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނޭ ކަމަށާއި އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނޭ ކަމުގައި އެގްރޯ ނެޓުން ގަބޫލު ކުރެއެވެ.

"2021 ވަނަ އަހަރަށް ތައްޔާރުވަމުން ދަނީ، ހަވާލުކޮށްފައި މިއޮތީ 45 ރަށުގަ މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހެދުން، މިހާރުވެސް ހައްދަމުން ގެންދަވާ ބާވަތުގެ ތެރެއިން 17 ބާވަތެއް ހައްދާ މާކެޓް ކުރެވޭނެ ގޮތްތަކެއް ހެދޭތޯ ބެލުން، ރާވާ މަގު މަސައްކަތް ކުރަމުން މިދަނީ" އެގްރޯ ނެޓްގެ އެމްޑީ ހާރޫން ރަޝީދު ވިދާޅުވިއެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެ 45 ރަށުގެ ދަނޑުވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ސިލްސިލާ ހަރަކާތްތަކެއް މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިހާރު 1480 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު މިހާރު ކުރިއަށްދަނީ އެ ގަރާތްތަކުން ހައްދާނެ ބާވަތްތައް ކަނޑައެޅުމުގެ މަސައްކަތް ކަމުގައި އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަނޑައަޅާފައި ހުރި އަގުތައް މިހާރު ދަނޑުވެރިންނާ ހިއްސާ ކުރެވިއްޖެ، ދަނޑުވެރިން އެ އަގުތަކާއިމެދު ހިތްހަމަޖެހޭ، އަޅުގަނޑުމެންގެ އަމާޒަކީ ދަނޑުވެރިންގެ އުފެއްދުންތައް އަޅުގަނޑުމެން ގަނެ، ސްޓޯ ކުރެވި ރާއްޖޭގެ މާކެޓްތަކަށް އެތަކެތި ފޯރުކޮށްދެވުން" ހާރޫން ރަޝީދު އިތުރަށް ވިދާޅުވިއެވެ.

ދަނޑުވެރިކަން ކުރުމަށް އެގްރޯނެޓުން ކަނޑައަޅާފައިވާ 45 ރަށުގައި މި މަސައްކަތް ކުރުމަށް ހުޅުވާލެވިފައި ވެއެވެ. މި ޕްރޮޖެކްޓްގެ ދަށުން، އެ ކުންފުނީގެ އެޕްލިކޭޝަން ފުރާފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ.

އެގޮތުން ދަނޑުވެރިން ބޭނުކުރުމަށް ކައުންސިލްގެ ފަރާތުން ދޫކޮށްފައިވާ ބިންތަކަކީ ދަނޑުވެރިންނަށް ރަޖިސްޓްރީ ކުރެވިފައިވާ  ބިމަކަށް ވާންޖެހެއެވެ. އަދި އެ ބިމަކީ ކައުންސިލުގެ ރަސްމީ ލިޔުމެއްގެ ތެރެއިން، ރަސްމީ ހައިސިއްޔަތެއް ލިބިފައިވާ ބިމަކަށް ވާންޖެހެއެވެ. އަދި މެ ބިމުގައި އެންމެ ކުޑަވެގެން ހުންނަންވާނީ 500 އަަކަފޫޓެވެ.

މީގެ އިތުރުން ކޮންމެ ދަނޑުވެރިއެއްގެވެސް ބޭންކް އެކައުންޓެއް ހުރުން އެއީ ލާޒިމު ކަމެކެވެ. ސަބަބަކީ އެގްރޯނެޓުން ގަންނަ ބާވަތްތައް ބޭންކް މެދުވެރިކޮށް ގަންނާތީއެވެ.

މި ތިން ޝަރުތު ހިމެނޭ ކޮންމެ ދަނޑުވެރިއަކަށް ވެސް އެގްރޯނެޓާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް