ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހަން މަޖުބޫރެއް ނޫން: އެޗްޕީއޭ

ކޯވިޑް-19 ވެކްސިން ޖަހަން ރާއްޖޭގައި މަޖުބޫރު ނުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން މިހެން ބުނީ ކޯވިޑް ވެކްސިނާއި ގުޅިގެން އާންމުންގެ މެދުގައި އުފެދިފައި...

24 Jan 2021 | 05:45

ކޯވިޑް-19 ވެކްސިން ޖަހަން ރާއްޖޭގައި މަޖުބޫރު ނުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިހެން ބުނީ ކޯވިޑް ވެކްސިނާއި ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ބައެއް ސުވާލުތަކަށް ދީފައިވާ ޖަވާބުތަކެއްގައި އެވެ.

އެ އެޖެންސީން ބުނީ ވެކްސިން ޖެހުން މަޖުބޫރު ނުކުރިޔަސް ކުރީގެ ހާލަތަށް އެނބުރި ދިއުމަށް އަަވަސް ވާނީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖަހައިގެން ކަމަށެވެ. އަދި މި ބަލީގައި ސީރިއަސް ހާލަތަކަށް ހިނގައިދާނެ މީހުންނަށް ބަލި ޖެހުމުގެ މަގު ފަހި ނުކުރުމަށް ގިނަ ބަޔަކު ވެކްސިން ޖަހަން ޖެހޭ ކަމަށް ބުންޏެވެ.

ވެކްސިން ޖަހަން ޖެހޭ އުމުރުފުރާތަކާއި ގުޅޭގޮތުން ބުނީ 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ކޯވިޑް ވެކްސިން ނުޖަހާނެ ކަމަށެވެ. މިގޮތަށް ނިންމީ ކޯވިޑް-19 އާ ދެކޮޅަށް މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކަކީ ކަނޑައެޅިފައިވާ ވަކި އުމުރުފުރާތަކަކަށް ޓެސްޓްކޮށްފައިވާ ވެކްސިންތަކަކަށް ވާއިރު އެ ޓެސްޓުތަކުގައި 16 އަހަރުން ދަށުގެ ކުދިން ހިމަނާފައި ނުވާތީ ކަމަށެވެ.

މީގެ ކުރިން އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑް ވެކްސިން ނުދޭނެ މީހުންގެ ތެރޭގައި މާބަނޑު މީހުންވެސް ހިމެނޭ ކަމަށް ބުނެފައި އެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމުގައި އިސްކަން ދޭނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން އިޖްތިމާއީ ހާލަތްތަކުގައި އުޅޭ މީހުންނަށް ހިދުމަތްދޭ މީހުންނަށް ކަމަށެވެ. އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކަމަށެވެ.

ރާއްޖެއަށް މިހާރު ލިބިފައިވާ "ކޯވިޝީލްޑް" ވެކްސިނާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ އެ ވެކްސިނަކީ ރައްކާތެރިކަމާއި ނަތީޖާ ރަގަޅުކަން ދެނެގަނެފައިވާ، ވެކްސިނެއް ކަމަށެވެ. އަދި އެއީ ފަސޭހައިން ފިނިހޫނުމިން ބެލެހެއްޓޭގޮތަށް އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށްފައި ބެހެއްޓޭނެ ވެކްސިނެއްކަމުން، ވެކްސިން އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެކަމަކު މި ވެކްސިންއަށް އަދި ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައި ނުވާތީ ވެކްސިން ޖަހަން ފާށާނީ އެ ވެކްސިންގެ ރައްކާތެރިކަމަށް ޑަބްލިއުއެޗްއޯގެ ހުއްދަ ދިނުމުން ކަމަށް ބުނެފައިވެ އެވެ.

ރާއްޖެއަށް މިހާރު ލިބިފައިވާ "ކޯވިޝީލްޑް" ވެކްސިން އަކީ އިންޑިއާއިން ހިލޭ ދީފައިވާ ވެކްސިން ޑޯޒުތަކެކެވެ. އެ ގައުމުން ވަނީ "ކޯވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒު ރާއްޖެއަށް ހަދިޔާ ކޮށްފައި އެވެ.

މީގެ އިތުރުން ސަރުކާރުން އަންނަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ އިން ކޮވިޑާ ދެކޮޅަށް އުފެއްދި "ކޯވިޝީލްޑް" ވެކްސިންގެ 700،000 ޑޯޒް ގަތުމަށް މަސައްކަތްކުރަމުންނެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރާއި އެ ކުންފުންޏާއި ދެމެދު ވަނީ ސޮއި ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް