ވަރުންގެ ކައިވެނި ހަފްލާއަށް ފޯނު ނުވެއްދޭ، ކޯވިޑް ނެގެޓިވް ނަތީޖާ އޮންނަން ޖެހޭ

ބޮލީވުޑްގައި މިއަހަރު ބާއްވާ އެންމެ ބޮޑު އެއް ކައިވެނި ހަފްލާ ކަމަށް ވާ ވަރުން ދަވަންގެ ކައިވެނި ހަފްލާ މިއަދު އޮންނާނެ އެވެ. ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލް އާއި ވަރުންގެ ކައިވެނި ހަފްލާ ބޭއްވުމަށް...

24 Jan 2021 | 05:21

ބޮލީވުޑްގައި މިއަހަރު ބާއްވާ އެންމެ ބޮޑު އެއް ކައިވެނި ހަފްލާ ކަމަށް ވާ ވަރުން ދަވަންގެ ކައިވެނި ހަފްލާ މިއަދު އޮންނާނެ އެވެ.

ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލް އާއި ވަރުންގެ ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަހާރާސްޓްރާގެ މުމްބާއީގެ ގޮނޑުދޮށް ސަރަހައްދެއްގައި އޮންނަ ޓައުނެއް ކަމަށްވާ އަލިބާގް ގައި އެވެ. މި ހަފްލާގައި ދެ ފަރާތު އާއިލާ އާއި ރަހުމަތްތެރިންގެ އިތުރުން 40-50 ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވެ އެވެ.

މި އެންމެން މިމަހުގެ 22-25 އަށް ތިބޭނީ އަލިބާގް ރިސޯޓެއްގައި އެވެ. އެމީހުންގެ ތިބުމާއި ކެއުމާއި އެނޫންވެސް އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވަރުން އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކައިވެންޏާއި ގުޅުން ހުރި ގިނަ ހަފްލާތަކެއް އެ މުއްދަތުގައި ބާއްވާތީ އެހުރިހާ އެންމެންނަށް ބައިވެރިވެވޭގޮތް ހެދުމަށް ކޯވިޑް-19 އާއި ގުޅިގެން ވަރުންގެ ފަރާތުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅާފައި އެވެ. އެންމެ މުހިންމު ފިޔަވަޅަކީ ކައިވެނީގައި ބައިވެރިވާ ހުރިހާ އެންމެން އެ ތަނަށް ދާއިރު ކޯވިޑް-19 ނެގެޓިވް ޕިސީއާރު ޓެސްޓު ނަތީޖާއެއް އޮންނަން ޖެހެ އެވެ.

އަދި ކައިވެނި ހަފްލާ ބާއްވާ އެކި ހޯލްތަކުގައި ސެނެޓައިޒާ ގިނަ ގިނައިން ބޭނުން ކުރުމާއި މާސްކު އެޅުން މަޖުބޫރު ކޮށްފައިވާއިރު ހަލްފާގައި ބައިވެރިވާ މެހެމާނުންނާއި މުވައްޒަފުންގެ ފިނިހޫނުމިން ބެލެނޭ އިންތިޒާމް ވަނީ ހަމަޖައްސާފައި އެވެ.

މީގެ އިތުރުން ކައިވެނި ކުރާ ހޯލަށް ވަންނަ އިރު ފޯނު ނުވެއްދެ އެވެ. ބެލެވޭ ގޮތުގައި ފޯނު ނުވައްދަަން އެންގީ އެމީހުން ކައިވެނީގެ ފޮޓޯ އާއި ވީޑިއޯ އާންމު ކުރުމުގެ ކުރިން ކައިވެނީގެ މަންޒަރުތައް ލީކުވިޔަ ނުދޭށެވެ.

އެކަމަކު އެމީހުންގެ ކައިވެނި ކުރިން ބާއްވާ ހަފްލާތަކުގެ ތެރެއިން "ސަންގީތު" ގެ ފޮޓޯތަކެއް ވަނީ މިހާރު އާންމުވެފައި އެވެ.

އުމުރުން 33 އަހަރުގެ ވަރުން އާއި 28 އަހަރުގެ ނަތާޝާ ފުރަތަމަ ބައްދަލުވެފައިވަނީ ވަރުން ގްރޭޑް ހައެއްގައި އުޅުނު އިރު އެވެ. ވަރުން މީޑިއާގައި ބުނީ އޭނާއަށް ނަތާޝާ ދެކެ ލޯބިވެވުނީ ގްރޭޑް 12 ގައި އުޅެނިކޮށް ކަމަށެވެ.

ނަތާޝާ އަކީ ޑިޒައިނަރެކެވެ.

މި ދެ ލޯބިވެރިންގެ ކައިވެނި މިދިޔަ އަހަރު ކުރަން އުޅުމަށްފަހު ފަސް ކުރީ ކޯވިޑް-19 އާއި ގުޅިގެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް