2020 ވަނަ އަހަރު ނިމެން ކައިރިވެ އައު އަހަރުގެ ފުރަތަމަ ދުވަހުގެ ބޮޑު ކެއުމަކަށް އޮފީސް އެންމެން ތައްޔާރުވަމުން ދިޔައިރުގައި ކާނެ ވަކި އެއްޗެއް އަދި ކެއުމަށް ދާނެ ވަކި ރެސްޓޯރެންޓެއް އެއްގޮތަކަށްވެސް ކަނޑައެޅޭގޮތެއް ނުވިއެވެ. އެއްބަޔަކު ކާހިތްވާ އެއްޗެއް އަނެއް ބަޔަކަށް އެބުނާ ރެސްޓޯރެންޓެއްގައި ނުބައީއެވެ. ނޫނީ އެންމެން ކެއުމާ އަޅާ ބަލާއިރު އަގުތަށް ހުންނަނީ ނުބައްދަލު ހިސާބުގައެވެ.
ކެއުމުގެ ކަންތައް އިންތިޒާމްކުރަން ޖެހުނީ އަހަރެންނަށް ކަމުން 2020 ވަނަ އަހަރުގެ އަހަރު ނިމެން 3 ދުވަހަށް ވީއިރުވެސް މި އެންމެންނާ ވާހަކަދައްކައިގެންވެސް ކާންދާނެ ރެސްޓޯރެންޓެއް ފައިނަލްވާ ގޮތެއް ނުވިއެވެ. ނަމަވެސް 29 ޑިސެމްބަރ ވީ ދުވަހުގެރޭ ރައްޓެއްސަކާއެކު ލޮނު ޒިޔާރަތްޕާކަށް އައީ ދިރިއުޅުމުގެ ކަންތައްތަކާ ދުރުވެލާ ހިތްހަމަ ޖައްސާލުމުގެ ގޮތުންނެވެ. ރައްޓެއްސެކޭ ބުންޏަސް އަހަރެންގެ ރަހުމަތްތެރިޔާއަކީ ކެއުމައިގެން ނިކަން ފޯރި ހިއްޕާލާފައި ހުންނަ މީހެކެވެ. ތިން ހަތަރު ބަތް ތަށި އެއް ފަހަރާ ކާލާ މީހެކެވެ.
ލޮނުޒިޔާރަތް ޕާކުގައި އެހެން އިރުކޮޅެއްގައިވެސް މީނަގެ ކަންތަކާހުރެ އިނދެވޭގޮތެއް ހަމަ އެއްގޮތަކަށްވެސް ނުވިއެވެ. ހަމަ ބަނޑުހައިވަނީޔޯލައެވެ. ކުކުޅު ކާން ޖެހުނީއެވެ. ޕާކުން ނިކުމެގެން ކުކުޅު މީރުތަނެއް ފެނޭތޯ ގޫގުލް ސާރޗް ކުރަންވެސް މީނާ ފަށައިފިއެވެ. ލޮނުޒިޔާރަތް ޕާކު ކައިރިން އައިސް ސާރފް ވިއު ކަންމަތިން ވަދެވެން އޮތް ބޮޑު ފެންވަޅު ގޯޅިން ވަދެގެން ދަނިކޮށް ފެނުނީ "އޯޕެން ޓޭބަލް ކެފޭ" ކިޔާ ރެސްޓޯރެންޓެއްގައި "ތަންދޫރީ ޗިކަން" ޕޯސްޓަރެއް ޖަހާފައި ހުއްޓައެކެވެ. އަހަރެންގެ ރަހުމަތްތެރިޔާ ކެއުމަށް ހުންނަ ފޯރީގެ ވާހަކަ މިހެން މިފަދަ ލިޔުމެއްގައި ބަޔާންކުރަންވެސް އަހަރެންނަށް ދައްޗެވެ.
ކޮންމެއަކަސް "އޯޕެން ޓޭބަލް ކެފޭ"ގެ ދޮރު ކުރިމަތީގައި ހުރި ބޮޑު ޕޯސްޓަރުގައިވަނީ "ތަންދޫރީ ޗިކަން" ޕެކޭޖް ތަކެކެވެ. މި ލިޔުމުގައި އަހަރެން ނެގި އެ ޕޯސްޓަރގެ ފޮޓޯވެސް ހިމަނާލާނަމެވެ.
ތިޔަ ފެނިވަޑައިގެން ފަދައިން ޕޯސްޓަރގައިވަނީ "ސިންގަލް" ޕޯޝަންއެއް ހަމަ އެންމެ -/90 ރުފިޔާ ކަމަށެވެ. އަދި
"ކޮމްބޯ" އެއް -/175
އަށް ކަމަށެވެ. "ސިންގަލް" ތަންދޫރީ ޗިކަން އާއެކުގައި 1 ތަންދޫރީ ޗިކަން އަދި 3 ފަރާޓާ ލިޔެ އަދި ފޮޓޯއިން ފެންނަން އިނެވެ. އަދި "ކޮމްބޯ" ގައި 2 ތަންދޫރީ ޗިކަންއާއި 6 ޕަރާޓާ ދައްކާފައި އިނެވެ.
އެހެން ކަމުން ރެސްޓޯރެންގެ ނަމާ އެއްވަރަށް އަގުތަށްވެސް "އޯޕެން" ކަމަށް އަހަރެންވެސް ނިންމައި ރަހުމަތްތެރިޔާއާއެކު އެތަނުގެ ފަސްޓް ފޮލޯ އަށް ވަނީމެވެ. ވަނުމުގެ ކުރިން ސެކަންޑް ފޮލޯވެސް ބަލައިލީމެވެ. އަހަރެން ދުވަހަކުވެސް ނުވަންނަ ރެސްޓޯރެންޓަކަށް ވެފައި އަގުތަށްވެސް ހެޔޮކަމުން ބަލައިލަން ބޭނުންވީއެވެ. އެގޮތުން ރެސްޓޮރެންޓްގެ އެންމެ މަތީބައި އެއީ ސެކަންޑް ފްލޯ ހުރީ ވައި ވަންނާނެހެން ތައްޔާރުކޮށްފައެވެ. މާނައަކީ ފިރިހެން ބޭފުޅުންނަށް ޢާންމުކޮށް ދުންފަތުގެ އިސްތިޢުމާލު ކުރެވޭނެ ފަދައިންނެވެ. އަދި ގްރައުންޑް ފްލޯ ހުރީ ޓޭކްއަވޭ ކުރެވޭނެހެންނެވެ. އޭގެ އިތުރުން އަހަރެންނާއި އެކުވެރިޔާ ވަން ފަސްޓް ފްލޯ ހުރީ ކަޅުކުލައިން ޒީނަތްތެރިކޮށްފައި އޭސީގެ ފިނިކަމުގައި ތިބެވޭނެހެން ތައްޔާރުކޮށްފައެވެ.
ރެސްޓޯރެންޓަށް ވަނުމުން ލިބުން ހިތްހަމަޖެހުމަކީ ވަރަށް ތަފާތު އިޙުސާސެކެވެ. ސަބަބަކީ އަލި މަޑު ތަނެއްގައި ހަމަޖެހިލައިގެން ކާލަން ލިބުމުން އަހަރެންވެސް އިނީ ވަރަށް ގަޔާވެފައެވެ. ކޮންމެޔަކަސް އަހަރެމެން އޯޑަރ ދިނީ ސިންގަލް" ތަންދޫރީ ޗިކަން އަކަށެވެ. މާ ގިނައިރު އިންތިޒާރު ކުރަން ނުޖެހި އޯޑަރއާ އެއްގޮތަށް ތަށިތަށް ގެނެސް މޭޒުމަތީގައި ވެއިޓަރ އަތުރާލައިފިއެވެ. ބޭރުން އަހަރެމެންނަށް ފެނުނު ޕޯސްޓަރ އާ މުޅިން ޚިލާފެވެ. ޚިލާފޭ މިބުނީ އަހަރެން އުންމީދުކޮށްގެން ހުރި ވަރަށްވުރެންވެސް މާ ބޮޑަށް ފުރިހަމައީއެވެ. 1 ތަންދޫރީ ޗިކަންއާއި, 3ފަރާޓާއާއި, ގްރޭވީގެ އިތުރުން ސެލެޑްވެސް ހުއްޓެވެ.
އަހަރެމެން އެތަނުގައި ތިބި ވަޤުތުގައި ހަމަ ގައިމުވެސް އިތުރަށް އަދި 10 ވަރަކަށް މީހުން ހަމަ ތަންދޫރީ ޗިކަން ކެއުމުގައި ތިއްބެވެ. ބައެއް މީހުން ކުކުޅާ ފަރާޓާ އާއެވެ. އަނެއް ބަޔަކު ފަރާޓާއާއި ގްރޭވީ (ރިހަކޮޅު) އެވެ. އެމީހުން ކާލެއް މީރުކަމުން ބަލަންތިބޭ މީހުންވެސް ކުޅު ދިޔާވާނެކަން ޔަޤީނެވެ.
ބަލާކަށް ނުތިބެ އަހަރެމެންވެސް އަވަހަށް ކެވޭތޯ އުޅުނީމެވެ. އެންމެ ކުކުޅެއް މަދުވާނެކަމުގެ އިޙްޞާސް ވާންފެށީ ކާން ފެށުމުންނެވެ. އިރުކޮޅެއް ވީއިރު އެންމެ ދެމީހުން ކާންތިބި ކުކުޅު ހުސްވީއެވެ. ކާހިތުން ތިއްބައެވެ.
އެވަރުގެ ކުކުޅެއް އަދި ދުވަހަކުވެސް ނުކެވެއެވެ. ރަޙުމަތްތެރިޔާވެސް އިނީ އަޖައިބުވެފައެވެ. އޭނާ ކުކުޅުގެ ރަހަ ނުބަލާ ރެސްޓޯރެންޓެއް މަދުވާނެކަން ޔަޤީނެވެ. އަދި ކުކުޅާއެކު އެގެނައި ފަރާޓާގެ ވާހަކައެވެ. ފަރާޓާވެސް އޮތީ ވަރަށް މަޑުކޮށް ކާލަން ފަސޭހަކޮށް ތައްޔާރުކޮށްފައެވެ. ރަހަވެސް އެހާ މީރީއެވެ. ދެން ގްރޭވީ ކޮޅުގެ ވާހަކައެވެ. ކާ ހިތުން ހުއްޓައި ގްރޭވީކޮޅު 2 ފަހަރު ހުސްވެއްޖެއެވެ. އެހެން ނަމަވެސް ނުގެނެސް ހުރެވޭ ވަރަށްވުރެން މާ ބޮޑަށްވެސް މީރީއެވެ. 3 ފަހަރަށް ގެނައީމެވެ.
އަހަރެންނަކީ ތަފާތު ކަމެއް ފާހަގަވެއްޖެއްޔާ އެކަމެއް ދިރާސާކުރަން ބޭނުންވާ މީހެއްކަމުން ވެއިޓަރ ގާތުގައި އެތަކެތި ތައްޔާރުކުރީ ކާކުތޯވެސް އަހާލެވިއްޖެއެވެ. އަހަރެން އެހެން އެހި ކަމަށްޓަކާވެސް ރަހުމަތްތެރިޔާގެ ހިނިގަނޑު މައިތިރި ނުވެއެވެ. ވެއިޓަރގެ ޖަވާބު އެނގޭ ހެއްޔެވެ. ވެއިޓަ ބުނި ގޮތުން ކުކުޅާއި ފަރާޓާއަކީ ސީދާ ރެސްޓޯރަންޓްގެ ރެސިޕީ އެއް ކަމެވެ. އަދި ގްރޭވީ އަކީވެސް ސީދާ ރެސްޓޯރެންޓްގައި އެކަމަށް ޚާއްޞަކޮށް ބަހައްޓާފައި ހުންނަ ދިވެއްސެއްގެ ރަހަތައް ކަމެވެ. އަހަރެންނަށްވެސް ޝެފަކަށް ވެވޭނެނަމައޭ މުޅި ދިރިއުޅުމުގައިވެސް ހިތަށް އެރީ އެ ވަޤުތުކޮޅުގައި އެކަންޏެވެ.
ކޮންމެއަކަސް "އޯޕެން ޓޭބަލް ކެފޭ" އިން ވަރުގަދަޔަށް ކާލައިގެން ވައިބަރ ގުރޫޕްތަކަށްވެސް އެއްކަލަ ކެއުމުގެ ފޮޓޯތަށް ލީމެވެ. އަދި އޮފީސް މީހުން ގޮވައިގެން އާ އަހަރުގެ ކެއުމަށްވެސް މި ދިޔައީ ހަމަ އެތަނަށެވެ. އެމީހުންނަށްވެސް ވީ ހަމަ އެވަރެވެ. ގެނައި ހުރިހާ ކުކުޅެއް ކާހިތުން ތިއްބައި ހުސްވީއެވެ. އެންމެ ފަހުން ކުކުޅު ފިހަނީ ޖާދޫގަރެއް ކަމަށްވެސް އެތަނުން އެއް ރަހުމަތްތރިޔަކު ނިންމައިފިއެވެ.އެންމެ ފަހުން ގްރޭވީ ކޮޅު މަދުވެގެން ފަސް ހަފަހަރަށް އިތުރަށް ގެނައުމަށް ފަހު ގެނައިލެއް މަދުން ވެއިޓައަށް ގްރޭވީ ކޮޅު އިތުރުކުރުމަށްވެސް ލަފާ ދިނެވެ. އަދި އާ އަހަރަށް ފަހު މިވެރިން ހުކުރެއް އަޔަސް އޯޑަރ މި ދެނީ ހަމަ އެތަނުގެ މީރު ތަންދޫރީ ކުކުޅަށެވެ. އެއަރޕޯރޓްގައި ހުރެފައިވެސް އޯޑަރ ކުރަނީއެވެ. އެވަރުން ނުވެގެން ހުޅުމާލެއަށް މޫދަށް އެރިލަން ދިޔަސް އޯޑަރ ކުރަނީއެވެ. ވާނީވެސް އެހެންތާއެވެ. އޯޑަރ ކުރާތާ 20 މިނިޓްތެރޭގައި ތަކެތި ގެނެސްދެއެވެ. ރެސްޓޯރެންޓްގެ ކެއުންތަކުގެ އިތުރުން ޑެލިވަރީވެސް ބަރާބަރީއެވެ. ހަމަ ގައިމުވެސް ވަރުގަދަ ޝަޙުޞިއްޔަތެއްގެ ހިންގުންތެރިކަމެއްކަން ޔަޤީނެވެ.
އަހަރެންވެސް މިދިޔަ ހުކުރު ދުވަހު "ކޮމްބޯ" އަކަށް އޯޑަރ ކުރީމެވެ. 6 ފަރާޓާއާއި 2 ކުކުޅާއި 2 ގްރޭވީގެ އިތުރުން ސެލެޑް ކޮޅެކެވެ. މި ހުރިހާ ތަކެތި ގަނެގެން ތައްޔާރުކޮށްގެން ދާނެ ޚަރަދު ހަމަ ގައިމުވެސް -/175 ކަށްވުރެން އިތުރުވާނެކަން އެނގޭތީއެވެ. ވީ ގޮތް އެނގޭ ހެއްޔެވެ. 20 މިނިޓް ތެރޭގައި ޑެލިވަރީ އައިސްފިއެވެ. ޑެލިވަރީކުރީ ރެސްޓޯރެންގެ ބޮޑު މީހާއެވެ. ކަސްޓަމަރުންގެ ފީޑްބެކް ހޯދައިގެން ކަންތައްތައް ރަނގަޅުކުރަމުން ކުރިއަށް ގެންދާ ތަނެއްކަން އެނގުނީ އެދުވަހުގައެވެ. އަދި ބޮޑު މީހާއޭ ބުންޏަސް އަހަރެންނަށް އިޙުސާސްވީ އޭނާއަކީ ހަމަ ގާތް ރައްޓެއްސެއްގެ އުސޫލުންނެވެ. ބޮޑާކަމާ ކިބުރުވެރިކަމެއް ނެތް ހިތްތިރި މަޖާ މިޒާޖެއްގެ ވެރިއެކެވެ. ކޮންމެއަކަސް ފީޑްބެކަށް އެދުމުން އަހަރެން ބުނީމެވެ. "މިވަރުގެ ކުކުޅެއް އަދި ޙަޔާތުގައިވެސް ނުކަމެވެ" "ހެހެ" ވެރިޔާ ވެސް ހިނިގަނޑު ފަޅައިގެންދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް