މިދުވަސްކޮޅު މާލެއާއި އަތޮޅުތެރޭގެ ރަަށްތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު އިތުރު ވަމުންދާ ކަމަށާއި އެހެން ކަމުން ޑެންގީ ހުމަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުވެސް ޑެންގީ ޖެހިފައިވާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށާއި، އެގޮތުން 1962 ޑެންގީ ކޭސް މިދިޔަ އަހަރުވެސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެއީ 2015 ވަނަ އަހަރާއި އަލާ ބަލާއިރު ހަތަރު ޕަސެންޓު އިތުރު އަދަދެއް ކަމަށްވެސް އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މިއަހަރުވެސް އެއަދަދު އިތުރުވެދާނެ ކަމަށާާއި ޑެންގީ ހުމުން ރައްކާތެރި ވުމުގެ ފިޔަވަޅު ދުރާލާ އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކުރައްވާާފައެވެ. އަދި މަދިރި ހެފުމުން ރައްކާތެރިވެ ތިބުމަށާއި މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކުރެއްވިއެވެ.
ޑެންގީ ހުމުން ރައްކާތެރި ވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ވެސް އެޗްޕީއޭ އިން ވަނީ އަންގައިދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ގެއާއި ގޯތި ތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ހަފުތާއަކު އެއް ފަހަރު ނައްތާލުން، ނުވަތަ ފެން ހުސްކޮށް ސާފު ކުރުން
- މަގު މައްޗާއި ގޯތި ތެރެއާއި ވައިގޮޅި ފަދަ ތަންތަނަށް ކުނި ނޭޅުމަށާއި ކުނި އެޅުމަށް ޚާއްސަ ކުރެވިފައިވާ ތަންތަނަށާއި ޑަސްބިނަށް ކުނި އެޅުން.
- ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމާއި ބޭރަށް ނިކުންނަ ވަގުތު މަދިރި ލޯޝަން ގައިގާ ހާކައިގެން ބޭރަށް ނިކުތުން
- އިރު އޮއްސޭ ވަގުތު އާއި އިރު އަރާ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތަށް ލައްޕާފައި ބެހެއްޓުން
ޑެންގީ ގެ އަލާމާތްތަކުގެ ތެރޭގައި ގައިގާ ރިއްސުމާއި ހުން އައުން ހިމެނެއެވެ. މީގެ އިތުރުން ބޮލުގައި ރިއްސުމާއި، ލޮލުގައި ރިއްސުން، އަދި ހަމުގައި ކުދި ބިހިތަކެއް ނެގުންވެސް ހިމެނެއެވެ.
މިފަދައިން ހުން އަންނަނަމަ މިކަންތައް ތަކަށް ސަމާލުވުން މުހިންމެވެ.
- ގިނަ ގިނައިން ދިޔާތަކެތި ބޭނުން ކުރުން
- އަރާމު ކުރުން
- ޕެރެސެޓަމޯލް ފިޔަވާ އެހެން ބޭހެއް ބޭނުން ނުކުރުން
- ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން
އެހެން ފަހަރުތަކެކޭ އެއްފަދައިން، މިފަހަރުވެސް ޑެންގީ ހުން ދެނެގަތުމާއި ފަރުވާ ކުރުމުގެ މަސައްކަތް އެޗްޕީއޭ އިން ވަނީ ފަށާފައެވެ.
އެގޮތުން މިދުވަސްކޮޅު ޑެންގީ އިތުރުވަމުންދާ މިންވަރު މޮނިޓާ ކުރުމާއި، ޑެންގީ ފެތުރޭ ރަށްރަށުގައި ބަލި ކޮންޓްރޯލް ލަފާއާއި އެހީތެރިތެރިކަން ފޯރުކޮށްދިނުމާއި، މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ކެމްޕޭނުތަށް ރާވާ ހިންގުމާއި، އެކި މުއައްސަސާތަކާއި ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތްތަށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް