އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައިއެސް ޖަމާއަތުން ރަހީނުކޮށް 200 މިލިއަން ޑޮލަރު ހުށަހެޅި ޖަޕާނު ދެމީހުންގެ ތެރެއިން އެކެއްގެ ކަރު އައިއެސް އިން ބުރިކޮށްލައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އައިއެސްގެ ސަޕޯޓަރަކު މިއަދު އާންމު ކުރި ވީޑިއޯއިން ފެންނަނީ ރަހީނުކުރި ޖަޕާނު ދެމީހުންގެ ތެރެއިން އެކަކު ފޮޓޯގަނޑެއް ހިފައިގެން ހުއްޓައެވެ. އެ ފޮޓޯ ރަހީނުކުރި ޖަޕާނު އަނެއް މީހާގެ ކަރު ބުރިކޮށްލުމަށްފަހު ނަގާފައިވާ ފޮޓޯއެއް ކަމަށް ބެލެވެ އެވެ.
އެ ވީޑިއޯގައި އައިއެސް އިން ރަހީނުކޮށްފައިހުރި ކެންޖީ ގޯޓޯ ބުނަނީ އައިއެސް އިން މިހާރު ލާރިއަށް ޑިމާންޑް ނުކުރާ ކަމަށެވެ. މިހާރު އައިއެސް އިން ކުރާ ޑިމާންޑަކީ ޖޯޑަން ޖަލުގައި ހުރި ޝާޖިދާ ރިޝާވީ ކިޔާ މީހަކު މިނިވަން ކުރުމެވެ.
"ހަރޫނާ ޔުކާވާގެ ކަރު އައިއެސްއިން ބުރި ކޮށްލީ ސަރުކާރުން ލާރި ނުދިނީމަ، އަހަރެންގެ ފުރާނަ ސަލާމަތްކުރަން ޓެރަރިސްޓުންނަށް ފަންޑު ކުރާކަށ ނުޖެހޭ، އެމީހުން އެބުނާ ކަންތައް ކޮށްދީ، އަހަރެން ސަލާމަތްކުރޭ" ވީޑިއޯއިން ފެންނަ ގޯޓޯ ބުނެއެވެ.
ޖަޕާނު ސަރުކާރުން ބުނީ އެ ވީޑިއޯ ލިބުމާއެކު ޖަޕާނު ސަރުކާރު އިސްވެރިންގެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާކަމަށާއި އެ ވީޑީއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
މިމަހު 20 ވަނަ ދުވަހު އައިއެސްއިން ހާމަކުރި ވީޑިއޯގައި ބުނެފައިވަނީ ޖަޕާނު ދެމީހުންގެ ބޮލަށް 200 މިލިއަން ޑޮލަރު ހުށަހަޅާ ކަމަށާއި 72 ގަޑިއިރު ތެރޭގައި އެ ވަރަށް ފައިސާ ހަމަނުޖައްސައިފިނަމަ ދެމީހުންގެ ކަރު ބުރި ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް