ލ.ގަމު ކައުންސިލް އިދާރާއަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި

ލ. ގަމު ކައުންސިލް އިދާރާއަށާއި ގަމުގެ ބައެއް ކައުންސިލަރުންގެ ގެތަކަށް ފުލުހުން ވަދެ އެތަންތަން ބަލައި ފާސްކުރަން ފަށައިފި އެވެ. ފުލުހުން މިއަދު އެތަންތަނަށް ވަދެ ފާސްކުރަމުންދަނީ އެރަށުން ގޯތި ދޫކުރ...

24 Jan 2015 | 08:18

ލ. ގަމު ކައުންސިލް އިދާރާއަށާއި ގަމުގެ ބައެއް ކައުންސިލަރުންގެ ގެތަކަށް ފުލުހުން ވަދެ އެތަންތަން ބަލައި ފާސްކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު އެތަންތަނަށް ވަދެ ފާސްކުރަމުންދަނީ އެރަށުން ގޯތި ދޫކުރުމުގައި ކައުންސިލަރުން އެމީހުންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މީހުންނަށާއި ބައެއް ގާތް މީހުންނަށް ގޯތި ދޫކުރާ ކަމަށް ހުށަހެޅުނު ޝަކުވާ ތަކަކާއި ގުޅިގެންނެވެ.

ގަމް ކައުންސިލް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ ފުލުހުން ކައުންސިލް އިދާރާ ބަލައި ފާސްކުރަމުންދަނީ ކޯޓް އަމުރުގެ ދަށުން ކަމަށެވެ. އޭނާ ބުނީ ފުލުހުން ގަމު ކައުންސިލް އިދާރާއާއި ކައުންސިލަރުންގެ ގޭގެ ބަލަން ފަށާފައިވާއިރު، އެރަށުން ގޯތި ދޫކުރުމުގައި ކައުންސިލަރުންގެ ގާތް މީހުންނަށް ގޯތި ދޫކުރަމުންދާތީ ބައެއް ކައުންސިލަރުންނާ ދެކޮޅަށް ރައްޔިތުން ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ ކަމަށެވެ.

ފުލުހުން ކައުންސިލް އިދާރާއަށް ވަދެ ބަލައި ފާސްކުރަމުންދާއިރު އެތަނަށް އެއްވެސް މީހަކު ވަނުން ވަނީ މަނާކޮށްފައި އެވެ. އެގޮތުން އެއްވެސް ކައުންސިލަރަކު ވަނުންވެސް ވަނީ މަނާކޮށްފައި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލ. ގަމު ކައުންސިލް އިދާރާއަށް ކޯޓު އަމުރެއް ހޯދައިގެން ފުލުހުން ވަނީ ކައުންސިލް އިދާރާއިން ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށެވެ. ފުލުހުން ބުނީ މައްސަލަ ހުށަހަޅާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބަޔަކަށް ގޯތި ދޫކުރާ ކަމަށް ބުނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް