ފަތުރުވެރިކަމަށް އޮތް ގޮންޖެހުމަކީ ރާއްޖެއާއި ބެހޭގޮތުން ދެކެވޭ ދޮގު ވާހަކަތައް

ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީވެފައިވީ ނަމަވެސް އެދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ކްލަބްމެޑް ފިނޮޅު ...

24 Jan 2015 | 07:46

ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީވެފައިވީ ނަމަވެސް އެދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކްލަބްމެޑް ފިނޮޅު ވިލާސް ރިސޯޓު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ރޭ އެ ރިސޯޓުގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިސްލާމް ދީނަކީ އަމާންކަމާއި ސުލްހަވެރި ކަމުގެ ދީން ކަމަށްވާއިރު، ރާއްޖޭގައި ވެސް އޮތީ މިފަދަ ސުލްހަވެރި މާހައުލެއް ކަމަށެވެ. ނަމަވެސް ރާއްޖޭގައި ސުލްހަވެރި މާހައުލެއް ނެތް ކަމަށް ކުރާ މަސައްކަތަކީ ޓޫރިޒަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ މީހުންނަކީ އެހެން މީހުންނަށް އިހުތިރާމް ކުރާ، ހަމަޖެހުމާއި ސުލްހަޔަށް ލޯބި ކުރާ، ސަގާފަތްތަކަށް އިހުތިރާމް ކުރާ ބައެއް ކަމަށާއި އިސްލާމް ދީނުގެ ރިވެތި އުސޫލުތަކަކީ ވެސް މިއީ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރާއްޖެ އާއި މެދު ބޭރު ދުނިޔޭގައި ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރަސީ ދަސްކޮށްދޭ އެއްޗަކީ ވެސް ގިނަ ބަޔަކު ގަބޫލު ކުރާ އުސޫލަކަށް އިހުތިރާމް ކުރުން ކަމަށާއި އެހެން ކަމުން ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނުގެ މަތީގައި ތިބުމަކީ، ރާއްޖޭގައި މިނިވަންކަން ނެތުން ނޫންކަމަށެވެ.

“ރާއްޖޭގައި މި އޮތީ އަމާން މާހައުލެއް. ތިބޭފުޅުންނަށް އެކަން ފެނިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ މި އޮތީ އެހެން މީހުންނަށް އިހުތިރާމް ކުރާ، ހަމަޖެހުމާއި ސުލްހަޔަށް ލޯބި ކުރާ، ސަގާފަތްތަކަށް އިހުތިރާމް ކުރާ ބައެއް. މިއީ އިސްލާމް ދީނުގެ ރީތި އުސޫލުތަކަކީ.” ރައީސް ވިދާޅުވިއެވެ.

ސުލްހަވެރިކަމެއް ނެތް ތަނެއްގައި ފަތުރުވެރިކަން ނޯންނާނެކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އިންވެސްޓު ކުރަން ޝައުގުވެރިވާ އިންވެސްޓަރުން އެނބުރި ގައުމަށް ގޮސް ރާއްޖޭގައި އޮތް ސުލްހަވެރިކަން ގައުމުތަކުގެ ޕާލިމަންޓް މެންބަރުންނާ ސަރުކާރުތަކާއި ހަމައަށް ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް މިހާރު އަންނަ ޓުއަރިސްޓުންނަށް ހިދުމަތްދެވޭ ވަރަށް ވުރެ ކުޑަވެފައިވާ ކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ދެތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ އެއާޕޯޓް 70 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށް ތަރައްގީ ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް