އެލްޖީއޭގެ ކުރީގެ ރައީސް ނާޒިމް ފަހު ޖަލްސާ ބޭއްވީ ގަވައިދާ ހިލާފަށް: ބަންޑާރަ ނާއިބް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެ އޮތޯރިޓީގެ އެންމެ ފަހު ބައްދަލުވުން ބޭއްވީ ގަވައިދާ ހިލާފަށް ކަމަށް ބަން...

24 Jan 2015 | 07:04

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެ އޮތޯރިޓީގެ އެންމެ ފަހު ބައްދަލުވުން ބޭއްވީ ގަވައިދާ ހިލާފަށް ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ލަފާ ދެއްވައިފި އެވެ.

އެލްޖީއޭގެ ގަވައިދު ބުނާގޮތުން އެޖެންޑާ ކުރާ މައްސަލައެއް ބަދަލު ކުރާނަމަ އެކަން ދެ ދުވަސް ކުރިން ބޯޑު މެންބަރުންނަށް އަންގަން ޖެހެ އެވެ.

ބަންޑާރަ ނައިބު އަނިލް އެލްޖީއޭއަށް ދެއްވި ލަފާގައި ވިދާޅުވެފައިވަނީ އެލްޖީއޭގެ އެ ބައްދަލުވުމުގެ އެޖެންޑާ ދެ ދުވަސް ކުރިން އަންގަންވާނެ ކަމަށް އެލްޖީއޭގެ ގަވައިދުގައި ބުނެފައިވީ ނަމަވެސް ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިމެނޭ އެޖެންޑާ ބަދަލުކުރިކަން ދެ ދުވަސް ކުރިން އަންގާފަ ނުވާކަމަށެވެ. އަދި 15 ވަނަ ދުވަހު ކުރިއަށް ގެންދަން ވާނީ އެދުވަހަށް ކުރިން ހަމަޖެއްސި އެޖެންޑާގައި ކަމަށް އަނިލްގެ ލަފާގައިވެ އެވެ.

މި މަހުގެ 15 ގައި ބާއްވަން އުޅުނު ބައްދަލުވުމަށް ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް އޭނާ ވަނީ އެޖެންޑާ ބަދަލުކުރައްވައިފަ އެވެ. ނަމަވެސް އެ ދުވަހުގެ ބައްދަލުވުން ކުރިއަށް ގެންދަން ޖެހޭނީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާގައި ހިމަނައިގެން ކަމަށް ބުނެ އެލްޖީއޭގެ ބައެއް މެމްބަރުން ވަނީ ބައްދަލުވުން ހުއްޓުވައިފަ އެވެ.

ބައްދުލުވުން ހޫނުވެ ކުރިއަށް ނުގެންދެވިގެން ނިންމާލީ ދެން އެ ބައްދަލުވުން ކުރިއަށް ގެންދާނީ ބަންޑާރަ ނައިބުގެ ލަފައެއް ލިބިގެން ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ނުވަ މެމްބަރުން ހިމެނޭ އެލްޖީއޭގެ ފަސް މެމްބަރަކު ވަނީ ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހިމަނައިގެން އެދުވަހުގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި ނާޒިމާއި ނައިބު ރައީސް މޫސާ ނަސީރުގެ އިތުބާރު ނެތްކަމުގެ ވޯޓު ވެސް ނެގި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް