ބައެއް މައްސަލަތައް ފަސް ދުވަހުގެ ތެރޭގައި ޝަރީއަތަށް ފޮނުވާ އުސޫލެއް ކަނޑައަޅައިފި

ތުހުމަތު ކުރެވޭ މީހާ އަމިއްލަ އަށް އިއުތިރާފުވާ މައްސަލަތަކާއި ހެކިންގެ ގޮތުގައި ފުލުހުން ހިމެނޭ މައްސަލަތައް ގިނަ ވެގެން ފަސް ދުވަހުގެ ތެރޭގައި ޝަރީއަތަށް ފޮނުވާ އުސޫލެއް ކަނޑައަޅައި އަމަލުކުރަން ފަށ...

24 Jan 2015 | 06:20

ތުހުމަތު ކުރެވޭ މީހާ އަމިއްލަ އަށް އިއުތިރާފުވާ މައްސަލަތަކާއި ހެކިންގެ ގޮތުގައި ފުލުހުން ހިމެނޭ މައްސަލަތައް ގިނަ ވެގެން ފަސް ދުވަހުގެ ތެރޭގައި ޝަރީއަތަށް ފޮނުވާ އުސޫލެއް ކަނޑައަޅައި އަމަލުކުރަން ފަށައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ދުވަހަށް ވިދާޅުވީ ފުލުހުންނާ ގުޅިގެން އެކުލަވާލި އެ އުސޫލުގެ ދަށުން އިއުތިރާފުވާ މައްސަލަތަކާއި ފުލުހުން ހެކިންގެ ގޮތުގައިހ ިމެނޭ މައްސަލަތައް ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ދައުވާ ކުރަން ފޮނުވަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ  ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅޭތާ ދެ ދުވަހުގެ ތެރޭގައި އިތުރު ކަމެއް ބަލަން ނެތްނަމަ އެ މައްސަލައިގައި ދައުވާ ކުރަންޖެހޭ ކަމަށެވެ.

"އެ އުސޫލަށް މިހާރު އަންނަނީ އަމަލު ކުރަމުން. ތުހުމަތު ކުރެވޭ މީހާ އަމިއްލަ އަށް އިއުތިރާފު ވާ މައްސަލަތަކާއި ހެކިންގެ ގޮތުގައި ފުލުހުން ހިމެނޭ މައްސަލަތައް ވަރަށް އަވަހަށް ފުލުހުން ތަހުގީގު ނިންމައި މި އޮފީހަށް ފޮނުވަމުން ދަނީ. މިއީވެސް މައްސަލަތައް އަވަސް ކުރުމަށް އެޅި ފިޔަވަޅެއް،" އޮފިޝަލް ވިދާޅުވި އެވެ.

ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ވެސް، ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންޖެހެ އެވެ. އަދި ގިނަ ވެގެން 30 ދުވަހުގެ ތެރޭގައި ހުކުމެއް ކުރަންޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް