ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާނު އައްޔަންކޮށްފި

ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް މިފަހަކުން ކްރިމިނަލް ކޯޓުގައި ސިޔާސީ ބޭފުޅުންނާއި ދެކޮޅަށް ހުކުމް ކުރެއްވި ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ ޝުޖާއު އުސްމާނު މިއަދު އައްޔަންކޮށްފި އެވެ....

08 Jun 2015 | 07:09

ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް މިފަހަކުން ކްރިމިނަލް ކޯޓުގައި ސިޔާސީ ބޭފުޅުންނާއި ދެކޮޅަށް ހުކުމް ކުރެއްވި ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ ޝުޖާއު އުސްމާނު މިއަދު އައްޔަންކޮށްފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު އައްޔަންކުރި އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ބޭފުޅުންނެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ތެރޭގައި ވެސް އެ ދެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ކުއްލި ގޮތަކަށް އެ ދެ ބޭފުޅުން މިއަދު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރީ ހައި ކޯޓަށް ފަނޑިޔާރުން ނެގުމާ ބެހޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން އެކުލަވާލި އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް މިދިޔަ މަހުގެ ފަހުކޮޅު ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށެވެ. އޭގެ ކުރިން އެ އުސޫލު ބާތިލްކޮށް، ހައި ކޯޓުން ހުކުމް ކުރުމުން އެ މަސައްކަތް އޭރު އޮތީ ހުއްޓިފަ އެވެ.

ހައި ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކުރުމުން އޭރު ނުވަ ބޭފުޅަކު ވަނީ އެކަމަށް ކުރިމަތިލައްވައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ ގާޒީންނެވެ.

ނުވަ ފަނޑިޔާރުން ތިބެންޖެހޭ ހައި ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކުރީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަރީފްގެ އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ޖުވެނައިލް ކޯޓަށް ބަދަލު ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން އަމިއްލަފުޅަށް ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމުންނެވެ.

އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާން އައްޔަންކުރުމުން ހައި ކޯޓުގެ ބެންޗަށް ފަނޑިޔާރުން ހަމަވީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް