ނ.ހޮޅުދޫގައި ޒަހަމްތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާއި ގުޅިގެން ކުރި ޒުވާބެއް ހޫނުވެ، ހިންގި މާރާމާރީއަކާއި ގުޅިގެން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ހޮޅުދޫގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީއެއް ހިނގާފައިވާތީ، ކޯޓު އަމުރުގެ ދަށުން ނިއު ލައިފް،މޫސާ ރިމްޒީ (30އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއްގެ ގައި ގައި ޖަހައި މާރާމާރީ ހިންގާފައިވާތީ ކަމަށް އޭނާ ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ވެއެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ހޮޅުދޫގައި ދާދި ފަހުންވެސް ވަނީ އަހުތިޖާޖެއް ކޮށްފައެވެ. އެރަށު މީހުން ބުނާގޮތުގައި ޒަކިއްޔާ މަރުވެފައި ވަނީ ކަރަށް ލިބިފައިވާ ގެއްލުމުންނެވެ. އަދި އޭނާ މަރުވެފައި އޮތް އިރު އޭނާގެ ކަރު އޮތީ ބުރިކޮށްލާފައި ކަމަށާއި އެވަރު ބޮޑު އަނިޔާއެއް އަމިއްލައަށް އޭނާގެ ހަށިގަނޑަށް ދެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރެއެވެ.
އެހެން ނަމަވެސް ފުލުހުން ބުނީ ޒަކިއްޔާގެ މަރާ ގުޅިގެން އެއްވެސް ނިޝާނެއް އަދި ހެއްކެއް ތަހުގީގަށް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.
އެ ހާދިސާ ހިނގި އިރު އެ ގޭގައި ދިރިއުޅުނީ ޒަކިއްޔާގެ ފިރިމީހާ އާއި ފިރިހެން ދަރި ރަމްޒީ އަދި އޭނާގެ އަނބިމީހާގެ އިތުރުން މާމަ ދަރިފުޅެވެ. ޒަކިއްޔާގެ ދެވަނަ ދަރިފުޅު އުޅެނީ މާލޭގައެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ކުނި ނަގަން ވަން ބިދޭސީ މީހަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް