ފެނަކަ ސަލާމަތްކުރުމަކީ މުސްތަހީލު ކަމެއްކަމަށް ވިދާޅުވެ މެނޭޖިން ޑިރެކްޓަރުކަމުން މުއާޒް އިސްތިއުފާ ދެއްވައިފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުން މުޢާޒު މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ. މުއާޒްގެ އިސްތިއުފާ ސިޓީގައި ބުނެފައިވަނީ ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން އެ ކުންފުނިތަކަށް ލިބޭ އާމްދަނީ ހިން...

23 Dec 2024 | 06:14

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުން މުޢާޒު މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

މުއާޒްގެ އިސްތިއުފާ ސިޓީގައި ބުނެފައިވަނީ ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން އެ ކުންފުނިތަކަށް ލިބޭ އާމްދަނީ ހިންގުން ބައްޓަންކުރަންޖެހޭ ތަންތަނަށް ވީނަމަވެސް އެ ކުންފުނި ވެއްޓިފައިވާ މާލީ ހާލަތުން އެކަން އެގޮތަށް ކުރުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.

"ބެކްލޮގް އެއްކޮށް ރަނގަޅުކުރެވިފައި ނުވުމާއި، ކުންފުންޏާއި ހަވާލުވއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތުމާއި، ކުންފުންޏަށް ބޭނުންވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުމާއި، އަދި ކުންފުނި ރައިޓް ސައިޒްކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާގުޅުންހުރި އިދާރާތަކުން ނުލިބުމާއި ކުނފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަން ޖެހިފައިވާ ޚަރަދު އިންތިހާއަށް އިތުރުވެފައިވާތީއެވެ" މުއާޒްގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކުންފުނީގެ ބެލެނިވެރި ފަރާތްކަމުގައިވާ މާލީ ވުޒާރާއަސް މިކަންކަމުގައި ހުރި ދަތިތަކާއި، އިސްވެ ދެންނެވުނު ހާލަތުން އަރައިގަތުމަށްޓަކައި މަޝްވަރާކޮށްގެން ގޮތެއް ހޯދުމަށް ތަފާތު އެކި ފަހަރުމަތިން ދެންނެވުނު ކަމަށްވެސް މުއާޒްގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވެއެވެ.

މުއާޒް ވިދާޅުވެފައިވަނީ މަގާމަށް އައްޔަންކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް މަސައްކަތްކޮށްފައިވާނީ އިހްލާސްތެރިކަމާއެކު، ހަވާލުކުރެވުނު މައްސޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުން މަތީގައިކަމަށާއި އެއް އަހަރުދުވަހުގެ ތެރޭގައި ކުންފުނި ހިންގުމުގައި ދިމާވި ތަފާތު ގިނަ ގޮންޖެހުންތަކާއިއެކުވެސް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ހާސިލުވެސް ކުރެވުނު ކަމަށެވެ.

"ހާލަތު މިހެން އޮތްނަމަވެސް ފާއިތުވި 1 އަހަރު ދުވަހުގެތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު، މިގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު 2024 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް 160 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ހަރަދުން ވާނީ ސަލާމަތް ކުރެވިފައި، އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ވާހަކަ ދަންނަވަން" ރައީސަށް އެޑްރެކޮށްފައިވާ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ހާލަތުން އރައިގަތުމަށް ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ކަމާގުޅުންހުރި ފަރާތްތަކާ ހިއްސާކުރެވުނު ކަމަށާއި ނަމަވެސް އަލިމަގެއް ނުފެންނަ ކަމަށާއި އަދި އޮކްޓޯބަރު ނޮވެމްބަރު މަހުގެ މުސާރަވެސް މަސް ފެށުނު އިރުވެސް ޖަމާކޮށްދެވިފައނުވާއިރު އެއީ ފަހުގެ ތާރީހެއްގައި ކުންފުނީގައި ހިނގާފައިވާކަމެއް ނޫންކަންވެސް މުއާޒް ފާހަގަކުރައްވާފައިވެއެވެ.

"ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މިފަދަ އަސާސީ ހިދުމަތަކުން އެންމެ ހިނދުކޮޅަކަށްވެސް މަހުރޫމްވާންޖެހުން އެއީ، އޭގެ ސަބަބުން އަޅުގަނޑާއި ކުންފުންޏާއި އަދި މަނިކުފާނަށްވެސް އޭގެ ބަދުނާމު ފޯރާނެކަމެއްގެ އިތުރުން އެތަކެއް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަންޖެހޭނެ ކަމެއް" މުއާޒްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މުއާޒްގެ އިސްތިއުފާގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ހުރިހާ ކަމެއް އެހެން ހުރުމުންނާއި ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވިގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ އަދި އިތުރަށް ރަނގަޅުކުރަން ކުރެވެނޭ އަލިމަގެއް ފެންނަން ނެތުމުން އިސްތިއުފާ ދޭކަމަށާއި އަދި ފެނަކައަށާއި ސަރުކާރަށް ކާމިޔާބު ދުވަސްތަކަކަށް އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް