ޣައްޒާގައި ކާބޯތަކެތީގެ ބާވަތްތައް ލިބުން ހަފުތާތަކެއް ވަންދެން މެދުކަނޑާލާފައި އޮތުމުގެ ސަބަބުން ބަނޑުހައިހޫނުކަމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.
އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި އެގައުމުގެ ބޭކަރީތަކަށާއި ކާބޯތަކެތީގެ ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިންސާނީ އެހީ ގެންދިއުމަށް ބޭނުންކުރާ މަގުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އިޒްރޭލުން ފަލަސްތީނު މުޅިން ބަންދުކުރުމުން ކާބޯތަކެއްޗާއި ފެނާއި ތެޔޮ ވެސް ވެއްދުން އެންމެ ފުރަތަމަ ވަނީ މަނާކޮށްފައެވެ.
ޣައްޒާއާ ބެހޭ ގޮތުން އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) ގެ ރިޕޯޓުގައި ބުނާގޮތުން ޣައްޒާގެ 2.3 މިލިއަން އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކާބޯތަކެތީގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފައެވެ.
ބަނޑުހައިހޫނުކަމުގެ ނުރައްކާތައް ދެނެގަންނަ އައިޕީސީން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވަނީ ޣައްޒާގެ 2.08 މިލިއަން މީހުންނަށް "އެކިއުޓް ފުޑް އިންސެކިއުރިޓީ" ކުރިމަތިވެފައިވާ ކަމަށެވެ.
އައި.ޕީ.ސީ.ގައި ކާބޯތަކެތީގެ ނުރައްކާތެރިކަމުގެ 5 މަރުޙަލާއެއް ހިމެނޭއިރު، އެއްވަނަ މަރުހަލާ (ފޭސް އެކެއް) އިން ފެށިގެން ކާރިސާ ނުވަތަ އެމަޖެންސީ (ފަސްވަނަ ފިޔަވަހި) ހިމެނެއެވެ. ތިންވަނަ އަދި ފަސްވަނަ ފިޔަވައްސަކީ ކްރައިސިސް އަދި އިމަޖެންސީ ގެ ގޮތުގައި ބެލެވޭ މަރުހަލާތަކެކެވެ. "އެކިއުޓް" ކާބޯތަކެތީގެ ނާމާންކަމަކީ ކުރު މުއްދަތަކަށް ދިމާވާ ކަމެއް ކަމަށާއި މިއީ "ކްރޮނިކް" ކާބޯތަކެތީގެ ނާމާންކަމާ އަޅާބަލާއިރު އާދަޔާ ހިލާފު ނުވަތަ އިންސާނުން އުފެއްދި ދަތިކުރުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް އަދި ދިރިއުޅުމަށް އެކަށީގެންވާ ވަސީލަތްތައް ނުލިބުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް އައިޕީސީން ބުނެއެވެ.
ޑިސެމްބަރު މަހުން ފެށިގެން ފެބްރުއަރީ މަހާ ހަމައަށް ޣައްޒާގެ މުޅި އާބާދީ ތިން ވަނަ ފިޔަވަހީގެ ނުވަތަ އެއަށް ވުރެ މަތީ މަރުހަލާއަކަށް ދާނެކަމަށް އދ.ގެ ތާއީދު ލިބިފައިވާ ރިޕޯޓުގައި ބުނެފައިވެއެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި އެހީތައް މަދުވެއްޖެނަމަ ފެބްރުއަރީ މަހުގެ ކުރީކޮޅު ޣައްޒާއަށްވެސް ކާރިސާއެއް ކުރިމަތިވުމުގެ ބިރު އެބައޮތެވެ. ކާރިސާގެ އައިޕީސީ ގެ މާނައަކީ އެ ސަރަހައްދެއްގެ އާބާދީގެ މަދުވެގެން 20 އިންސައްތަ މީހުން ކާބޯތަކެތީގެ ނުރައްކާތެރިކަމުގެ ފަސްވަނަ ފިޔަވަހީގެ ދަށަށް ދިއުމެވެ.
ޣައްޒާގައި ކާބޯތަކެތީގެ ވަސީލަތްތައް ލިބެނީ ކިހިނެއް ހެއްޔެވެ؟
މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ކޮންމެ 10 މީހަކުން ނުވަ މީހަކު ގިނަ ވަގުތު ނުކައި ދޫކޮށްލައެވެ. އެއްވެސް ކާއެއްޗެއް ނުކައިވެސް މުޅި ދުވަސް ހޭދަކުރުމަކީ މިހާރު އާދައިގެ ކަމަކަށް ވަނީ ވެފައެވެ.
މާބަނޑު އަންހެނުން ފަދަ ނިއުޓްރިޝަނަލީ ވަލްނަރަބަލް ގްރޫޕްތަކާއި، ބޭބީ ފޯމިއުލާ އާއި ކިރުގެ ބާވަތްތަކަށް ބަރޯސާވާ ތުއްތު ކުދިންނަށްވެސް ވަނީ ނުރައްކާބޮޑުވެފައެވެ.
ކެއުން ތައްޔާރު ކުރުމުގައި ވެސް ކައްކާ ގޭހުގެ ބަދަލުގައި އަލިފާން ނުވަތަ ކަރުދާސް ބޭނުން ކުރާއިރު، ގެދޮރު ގެއްލުނު މީހުންގެ ތެރެއިން މަދުވެގެން 13 އިންސައްތަ މީހުންނަށް މަޖުބޫރުވެފައިވަނީ ކުނި އަންދައިގެން ކެއްކުން ކަމަށް ޑަބްލިއުއެފްޕީން ބުނެއެވެ.
ޑިސެމްބަރު މަހުގެ ކުރީކޮޅު ކުޑަ ވަގުތުކޮޅަކަށް ހަނގުރާމަ މެދުކަނޑާލުމަށްފަހު، އަލުން ހަމަލާތައް ދޭން ފެށިތާ އެންމެ 12 ދުވަސް ފަހުން ޑަބްލިއުއެފްޕީއަށް އެނގުނު ގޮތުގައި ގެދޮރު ގެއްލުނު މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް، ރޮލާއި މަސް ކާން މަޖުބޫރުވެފައިވާ މީހުން ދަނެއެވެ.
އަދި ދުވާލެއްގެ މައްޗަށް ކޮންމެ މީހަކަށް ދެ ލީޓަރަށްވުރެ މަދުން (0.5 ގެލޮން) ފެން ލިބޭއިރު، އެއީ ދިރިހުރުމަށް ބޭނުންވާ 15 ލީޓަރަށްވުރެ މާ ކުޑަ މިންވަރެއް ކަމަށް ޑަބްލިއުއެފްޕީން ބުނެއެވެ.
ޣައްޒާއަށް އެތެރެވަނީ ކޮން ފެންވަރެއްގެ ކާބޯތަކެތީގެ އެހީއެއް ހެއްޔެވެ؟
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މަހެއްހާ ދުވަހުގެ ތެރޭގައި ޣައްޒާއަށް ކާބޯތަކެތި ހިފައިގެން ދިޔަ ޓްރަކްތަކުގެ އަދަދު ދެބައިކުޅަ އެއްބަޔަށްވުރެ ދަށަށް ގޮސްފައިވާއިރު ހަނގުރާމައިގެ ކުރިން މަދުވެގެން 10،000 ޓްރަކް ވައްދައެވެ.
ޑަބްލިއުއެފްޕީން ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ކާބޯތަކެތީގެ އެހީ ހިފައިގެން ޣައްޒާއަށް ގޮސްފައިވަނީ އެންމެ 1،249 ޓްރަކެވެ. އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އިން ވެސް ބުނީ ހަނގުރާމައިގެ ފުރަތަމަ 70 ދުވަހުގެ ތެރޭގައި ޣައްޒާގެ މުޅި އާބާދީއަށް ބޭނުންވާ ކާބޯތަކެތީގެ ތެރެއިން އެސަރަހައްދަށް ވަދެފައިވަނީ އާބާދީގެ އެންމެ 10 އިންސައްތައަށް ވާވަރުގެ އެހީކަމަށެވެ.
ހަމައެކަނި ކާބޯތަކެއްޗާއި ފެން ހިފައިގެން ދުވާލަކު މަދުވެގެން 100 ޓްރަކް ޣައްޒާއަށް ވަނުމަށް ޑަބްލިއުއެފްޕީން ލަފާދީފައިވީ ނަމަވެސް ހަނގުރާމައަށް ފަހު ގިނަ ދުވަސްތަކުގައި އެތެރެވާ ޓްރަކްތަކުގެ ޖުމުލަ އަދަދުވެސް އެއަށްވުރެ މަދުކަމަށް ޑަބްލިއުއެފްޕީން ވަނީ ބުނެފައެވެ. މީގެ އިތުރުން މިސްރުގެ ބޯޑަރު ސަރަހައްދުގައި އޮންނަ ރަފާހު ކައިރީގައި މަގުތައް ހަލާކުވެފައިވާ އިރު، އެހީ ވެއްދުމަށް ޖާގަ ނުދެވޭކަން ވެސް އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.
ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ފަލަސްތީނުގެ ސެންޓަ ފޯ ހިއުމަން ރައިޓްސް (ޕީސީއެޗްއާރް) އާއި އަލް މެޒާން އިން މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ރަފާހުގެ ކާބޯތަކެތި ޑިސްޓްރިބިއުޝަން ސެންޓަރުތައް ކައިރީގައި ތިބޭ މީހުން ގިނަ ފަހަރަށް 10 ގަޑިއިރު ސަފުގައި މަޑުކުރަން ޖެހޭ ކަމަށާއި އަދިވެސް ބައެއް ފަހަރު ހުސްއަތާ އެނބުރި ދާންޖެހޭ ކަމަށެވެ.
ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު މާބަނޑު އަނބިމީހާ އާއި ދެ ދަރިން ގޮވައިގެން ދެކުނުން ފިލި ފަލަސްތީނުގެ 30 އަހަރުގެ މަރުވާން ހިއުމަން ރައިޓްސް ވޮޗަށް ބުނީ އެއް ގެލޮން ފެން ހޯދުމަށް 3 ކިލޯމީޓަރު ހިނގާފައި ދާންޖެހޭ ކަމަށެވެ. އަދި ރަނގަޅު ކާއްޗެއްވެސް ނުލިބޭ ކަމަށާއި ކާން ލިބޭއިރު ލިބެނީ ދަޅުގައި ބަންދުކޮށްފައި ހުންނަ ކާއެއްޗެހި ކަމަށް އޭނާ ބުންޏެވެ.
އަދިވެސް ޣައްޒާގެ އާބާދީ މައިގަނޑު ގޮތެއްގައި ބަރޯސާވެފައި ވަނީ ކާބޯތަކެތީގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މި ހުރިހާ ކަމެއްގައިވެސް ދަތިކަން އިތުރުވަމުންދާއިރު ގާތްތިމާގެ މީހުންގެ އެހީތެރިކަން ވެސް މަދުވަމުންދާ ކަމަށް ޑަބްލިއުއެފްޕީން ބުނެއެވެ.
ޣައްޒާގެ ރައްޔިތުންނަށް ލޯކަލްކޮށް ކާބޯތަކެތި ހޯދޭނެ ހެއްޔެވެ؟
ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އަދި ޚާއްޞަކޮށް އުތުރުގެ ގަވަރުނަރޭޓްތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކާބޯތަކެއްޗާއި އެހީތެރިކަން ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
އިޒްރޭލުގެ ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ ދަނޑުބިންތަކާއި ގުދަންތަކާއި ބޭކަރީތަކަށްވެސް ވަނީ ސީދާ ގެއްލުންތަކެއް ލިބިފައެވެ.
ހަނގުރާމަ ފެށިތާ މަހެއްހާ ދުވަސް ފަހުން ޣައްޒާގެ އުތުރުގެ ހުރިހާ ބޭކަރީއެއް ބަންދުވީ ފުށް އަދި ތެޔޮ ފަދަ ތަކެތި ނުލިބުމުގެ ސަބަބުން ކަމަށް އދ އިން ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ. އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ސަބަބުން ކާބޯތަކެތި ހޯދުމަށް ގެއިން ބޭރަށް ނުކުމެ އުޅުމަކީވެސް ނުރައްކާތެރިކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް