ފައިލޭރިއާ ބައްޔަށް ފައްސިވެފައިވާ ބިދޭސީއަކު ހުޅުމާލެއިން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ހުޅުމާލޭގައި އިއްޔެ ކުރިއަށް ގެންދެވިފައިވާ މައިގްރޭންޓް ފެއަރގައި ޓެސްޓުކުރެވުނު 13 ބިދޭސީންގެ ތެރެއިން 12 މީހަކު ނައްސިވެ، އެކަކު މި ބައްޔަށް ފައްސިވެފައިވާ ކަމަށެވެ. އަދި އެ ފަރާތަށް މިހާރު ބޭސް ދީފައިވާކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ހދ.ކުޅުދުއްފުށިން މިހާތަނަށް 439 ބިދޭސީ މަސައްކަތްތެރިން ޓެސްޓު ކުރެވިފައިވާއިރު، އޭގެ ތެރެއިން 25 މީހަކު ވަނީ ފައްސިވެފައެވެ. ހުޅުމާލެއިން ފައްސިވި ބިދޭސީ މީހައާއެކު، ފައިލޭރިއާ ބައްޔަށް ފައްސިވިމީހުންގެ ޖުމްލަ އަދަދު ވަނީ 26 އަށް އަރާފައެވެ.
އެޗްޕީއޭ އިން ބުނީ ކުޅުދުއްފުށިން މި ބައްޔަށް ފައްސިވި މީހުން ރާއްޖެ އައިސްފައިވަނީ އިންޑިއާގެ ބިހާރު، އުއްތަރު ޕްރަދޭސް، ގޯޕާލްގަންޖް އަދި ޓަމިލްނާޑޫ އާއި ބަންގްލަދޭޝްގެ ކުމިލާއިން ކަމަށެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އެރަށުގެ ސިޓީ ކައުންސިލާއި ކަމާ ގުޅުންހުރި އެހެން ފަރާތްތައް ހިމެނޭހެން ޓާސްކް ފޯރސްއެއް ވަނީ އެކުލަވާލާފައެވެ. މާލޭގައިވެސް ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީއެއް އެކުލަވާލާ، ސްކްރީނިން ޕްރޮގްރާމްތައް ހިންގަން ވަނީ ފަށާފައެވެ.
އެޗްޕީއޭ އިން ބުނީ ފައިލޭރިއާއަށް ޓެސްޓުކުރުމުގެ މަސައްކަތް ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ފެށުމާއި، މަދިރި ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ފައިލޭރިއާއާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް