ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަކީ ރަނގަޅު މަގަށް އެޅުނު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޤަރާރު ފާސްކުރި ނަމަވެސް، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވައިގެ ހަމަލާތަކުގެ މެދުގައި ރައްކާތެރިކަމާއެކު ފަލަސްތީނަށް އެހީދެވެން ނެތް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަދިވެސް އަންނަނީ އަނިޔާވެރި ހަމަލާތަކާ ކުރިމަތިލަމުން ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ އުންމީދަކީ ބައިނަލްއަގްވާމީ މުޖުތަމައުން މި ގަރާރުގެ މައްޗަށް ބިނާކޮށް، މިހާރުން މިހާރަށް ހުރިހާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ހަރުކަށި އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
ދިވެހި ރައްޔިތުން އަންނަނީ ފަލަސްތީނު މީހުންގެ ދިފާއުގައި އަޑު އުފުލައި، ބައިނަލްއަގުވާމީ މައިދާނުގައިވެސް އެ މީހުންގެ ހައްގުތައް ދިފާއުކުރުމަށް އަޑު އުފުލަމުންނެވެ. އެގޮތުން، އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް، އެފަދަ ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވެއެވެ. މީގެ އިތުރުންވެސް، ދިވެހިންގެ ސަޕޯޓު އޮތީ ފަލަސްތީނާއެކުކަން ހާމަކުރަން އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް