ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުން، އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެމްޑީޕީ އިން ބުނީ އެ ޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިހާބަށް ވާދަކުރަން ބޭނުންވާ މެމްބަރުން ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލި މުއްދަތު 30 ޑިސެމްބަރު ވާ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖެހުމާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެމްޑީޕީ އިން ބުނީ މުއްދަތު އިތުރުކުރުމަށް ނިންމީ ކުށުގެ ރެކޯޑު ސާފުކުރުމަށް އިތުރު މުއްދަތު ބޭނުންވާކަމަށް މެމްބަރުން އެދުމުންކަމަށެވެ. ޝައުޤުވެރިކަން ފާޅުކުރާ ފޯމާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމުވެސް ހުށަހަޅަންޖެހެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ކުށުގެ ރެކޯޑު ހުށަހަޅަން ޖެހޭ ގޮތަށް ހަދާފައިމިވަނީ އިލެކްޝަންސް ކޮމިޝަނުން ކުށުގެ ރެކޯޑު ބަލާ ގޮތަށް ގެނައި ބަދަލާއި ގުޅިގެންނެވެ. އެގޮތުން، މާލޭގައި ހުރި ސުޕީރިއަ ކޯޓުތަކާއި އެ މެމްބަރަކު ނިސްބަތްވާ ރަށުގެ ކޯޓުތަކާއި އެހެން ހުރިހާ ރަށެއްގެ ކޯޓުތަކުން ކުށުގެ ރެކޯޑުތައް ސާފުކުރުން ވަނީ ލާޒިމްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް