މިނިސްޓްރީއާއި ވޯލްޑް ބޭންކް ގުޅިގެން ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ހުއިފިލަނޑާ އާލާކޮށް ވިޔަފާރިކުރުމަށް ހިލޭ އެހީ ދިނުމަށް ރާވާފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގައި ކުރާ މަސްވެރިކަމުގެ މަސައްކަތްތައް ފުޅާކޮށް، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ހުއިފިލަނޑާ އާލާކޮށްގެން ކުރާ މަސްވެރިކަން އިތުރުކުރުމަކީ މިނިސްޓްރީން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ.
ގއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ އަހުމަދު ޝިޔާމް މިއަދު ގއ.ނިލަންދޫއަށް ވަޑައިގެންފައިވާއިރު، އެރަށުގައި މަސްވެރިކަން ކުރާ ފަރާތްތަކާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަންތައްތައް ހައްލުކުރުމަށް ސަރުކާރުން ރާވާފައި ހުރި ކަންތައްތައް ވަނީ ހިއްސާކުރައްވާފައެވެ.
ބިލަށް ފައިސާ ނުލިބުމަކީ މަސްވެރިންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވާ މިނިސްޓަރ ޝިޔާމް ވަނީ، މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ކަނޑުފަޅުން ނަފާ އިތުރުކުރުމަށާއި، ހުއިފިލަނޑާގެ މަސްވެރިންނާއި ފަރުމަސްވެރިންނަށް ހާއްސަ ލޯނު ތައާރަފްކުރެވިގެން ދާނެކަމަށާއި، މަސްވެރި އާއިލާތަކާއެކު ގާތުން މަސައްކަތްކޮށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަތޮޅުތަކުގެ އެހެން ރަށްތަކެކޭ އެއްފަދައިން މަސްވެރިންނަށް އަވަހަށް ފައިސާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ކޫއްޑޫގެ ކެޕޭސިޓީ ބޮޑުކުރުމާއި، މަސްވެރިންނަށް ޑައިވް ކޯސްތައް ހިންގުމާއި ޑީކޯ ޗެމްބަރ އެއް ބެހެއްޓުމުގެ މުހިންމުކަން މަސްވެރިން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް