ނައީޝް ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދި ނުފެނޭ

ބުރާސްފަތި ދުވަހުގެ ރޭ، އިހި ނަގަން މޫދަށް އެރި އުޅުމުގެ ތެރޭގައި ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ނައީޝް ނައީމް ހޯދުމުގެ އޮޕަރޭޝަންގައި މިހާތަނަށް ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް ދިފާއީ ބާރުނ...

23 Dec 2023 | 05:54

ބުރާސްފަތި ދުވަހުގެ ރޭ، އިހި ނަގަން މޫދަށް އެރި އުޅުމުގެ ތެރޭގައި ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ނައީޝް ނައީމް ހޯދުމުގެ އޮޕަރޭޝަންގައި މިހާތަނަށް ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް ދިފާއީ ބާރުން ބުނެފިއެވެ.

އެގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ރޭގައި އެމްއެންއެންޑީއެފް އިން ބުނެފައިވަނީ ނައީޝް ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ވައިގެމަގުން 23.46 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑުމަގުން 490 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 1 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައި ކަމަށެވެ.

ސާޗް އެންޑް ރެސްކިއުގެ މި އޮޕަރޭޝަންގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސ. މަރަދުއަށް ނިސްބަތްވާ ތިން މަސްދޯންޏަކުން އެ ސަރަހައްދުގައި ހަރަކާތްއެރިވެފައިވާކަމަށާއި މިހާތަނަށް ކުރި މަސައްކަތުން ނައީޝް ފެނިފައިނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން ކުރިން ބުނެފައިވާގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ 10:10 ހާއިރު ނައީޝް ގެއްލުނު ކަމުގެ ރިޕޯޓް ލިބުނުއިރު، ސ. މަރަދޫ، ކުރެދުމާގޭ، އުމުރުން 18 އަހަރުގެ ނައީޝް އިހިނަގަން އައްޑޫސިޓީ ގަމުގެ ދެކުނު ފަރާތަށް ފޭބީ އިތުރު ދެމީހަކާއި އެކުގައެވެ. ގެއްލުނު އިރު ނައީޝް ލައިގެން ހުރީ އަތްދިގު ހުދުކުލައިގެ ޓީޝާޓެއް ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް