ރިލްވާން އެކަނިތަ މަރުވެގެން މިއުޅެނީ، އެއީ ބަލާ ނިމިފަހުރި މައްސަލަތަކޭ: ރައީސް ޔާމީން

ރިލްވާންގެ މަރުގެ މައްސަލަ މަރު ކޮމިޝަނުން ބަލާތީ އެކަމާ ރައީސް ޔާމީން އިންތިހާއަށް ނުރުހުން ފާޅުކުރައްވައިފިއެވެ. ނުރުހުން ފާޅުކުރެއްވީ މިރޭ ޕްރޮގްރެސިވް ކޯލީޝަނުން ކުރިއަށްގެންދިޔަ "ފެލާލައިފި" ޖަލް...

23 Dec 2022 | 18:13

ރިލްވާންގެ މަރުގެ މައްސަލަ މަރު ކޮމިޝަނުން ބަލާތީ އެކަމާ ރައީސް ޔާމީން އިންތިހާއަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

ނުރުހުން ފާޅުކުރެއްވީ މިރޭ ޕްރޮގްރެސިވް ކޯލީޝަނުން ކުރިއަށްގެންދިޔަ "ފެލާލައިފި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މައުލޫގައި ވާހަކަފުޅު ފައްޓަވަމުން ރައީސް ޔާމީން ވިދާޅުވީ މިއީ މަރުފަލި ތަޅަމުންދާ ސަރުކާރެއް ކަމަށާއި މިހާރު ބޭނުންކުރަނީ މަރުގެ ކާޑު ކަމަށެވެ. ރިލްވާނުގެ ކާޑު ކަމަށެވެ.

"ބަލަ ރިލްވާން އެކަނިތަ މަރުވެގެން މިއުޅެނީ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ވިދާޅުވީ މަރުވާ ކޮންމެ މީހަކު، ގުދުރަތީ މަރަކުން ނޫން އަދި ބައެއްގެ އިހުމާލުން ނޫނިއްޔާ ބައެއްގެ ބައިވެރިވުން އޮވެގެން މަރުވާ ކޮންމެ ކަމެއްގައި ޕީޕީއެމް ޕީއެންސީން އެކަން ކުށްވެރި ކުރާނެ ކަމަށެވެ.

"މިއީ ގަމާރުންތަކެއްތަ ބީތާއިން ތަކެއްތަ، މިއީ ބަލާ ނިންމާފަ ހުރި މައްސަލައޭ" ރައީސް ޔާމީން އެވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު މަރުގެ ކާޑު ނަގައިގެން މިއުޅެނީ ވެރިކަމަށް އަންނަންވެގެން ކަމަށާއި ވެރިކަމަށް އަންނަންވެގެންވެސް ނެގީ މަރުގެ ކާޑު ކަމަށާއި ވެރިކަން ނިމޭއިރުވެސް ނަގަނީ މަރުގެ ކާޑު ކަމަށެވެ.

"ރިލުވާނު މަރާލި މީހުން މި ސަރުކާރުގަ ތިބި މީހުންނަށް އެނގޭނެ، ފުލުހުންނަށް އެނގޭނެ، ކީއްވެގެންތޯ ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައިން އޭނަ ކާރަކަށްލައިގެން ދުއްވާ ވާހަކަ ދެއްކީ، އޭރުގެ ތަހުގީގުގަ ކާރު ދުއްވީ ކާކުކަންވެސް އެނގޭ، ކީއްވެތޯ އެމީހުން މިއަދު ވީއްލިގެން މިއުޅެނީ ކޮންތާކުތޯ އެމީހުން ތިބީ، އެމީހުން ތިބީ ޕީޕީއެމްގެ ޖަލްސާޔައްތޯ އައިސް، ކޮންތާކުތޯ އެމީހުން ތިބީ" ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން ތަކުރާރުކޮށްވެސް ވިދާޅުވީ އެއީ ބަލާ ނިންމާފަ އޮތް މައްސަލައެއް ކަމަށާއި އެ ތަހުގީގުން އަދަބު ދޭން ޖެހޭ ފަރާތްތަކަށް އަދަބު ލިބެމުންވެސް އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް