ކުރިޔަށް އޮތް ދެ ތިން މަސް ތެރޭގައި ދާންދޫ މަސްވެރިންގެ ޝަކުވާތަކަށް ޙައްލު ލިބިގެންދާނެ: ރައީސް ސޯލިހް

ކުރިޔަށް އޮތް ދެ ތިން މަސް ތެރޭގައި ދާންދޫ މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ޙައްލު ހޯދައިދޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިހް މިހެން ވިދާޅުވީ މިހާރު ގއ. އަތޮޅ...

23 Dec 2022 | 14:27

ކުރިޔަށް އޮތް ދެ ތިން މަސް ތެރޭގައި ދާންދޫ މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ޙައްލު ހޯދައިދޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ މިހާރު ގއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ދާންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ދާންދޫ ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދާންދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދާންދޫއަކީ މަސްވެރި ރަށެއްކަމަށް ވިދާޅުވެ، މަސްވެރިންނަށް ދިމާވެފައިވާ އެތަކެއް މައްސަލަތަކަށް އެދެވޭ ޙައްލުތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ދާކަމުގައި ވިދާޅުވެފައެވެ.

އަދި ކުރިޔަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ޙައްލުތަކެއް ހޯއްދަވައި ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދާންދޫ ރައްޔިތުން ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

މިގޮތުން ރަށުގެ ރައްޔިތުން ވަނީ ދާންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ބޭނުންތެރިކަމާއި، ދޯނި ފަހަރު އެހެލާނެ ޞަރަޙައްދެއް ޤާއިމުކުރުމާއި، މަސްކިރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ.

މީގެ އިތުރުން، ރަށުގައި އެއަރޕޯޓެއް ޤާއިމްކުރުމުގެ މުހިންމުކަމާއި، ފަތުރުވެރިކަން އެރަށުގައި ކުރިޔަށް ގެންދަން ބޭނުންކަމާ އަދި އިތުރު އާމްދަނީއާއި ވަޒީފާގެ ފުރުޞަތު ފަހިވާނެ ގޮތެއް ބޭނުންވާކަމާއި، ދާންދޫ އިން ލިބޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، ސްކޫލަށް ބޭނުންވާ ކަންކަން ވެސް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދާންދޫ ރައްޔިތުން އެދިފައިވާ ކަންކަން ސަރުކާރުން ވީ ވަރަކުން ފުއްދަވަމުން ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

ދާންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދާންދޫ ޞިއްޙީ މަރުކަޒަށް ޒިޔާރްތަކުރައްވައި އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި ޞިއްޙީ މަރުކަޒު ހިންގުމުގައި ދިމާވާ ދަތިތައް އޮޅުން ފިލުއްވައި، ތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. ދާންދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ލިބޭ ޞިއްޙީ މަރުކަޒެކެވެ.

ރައީސުލްޖުމްހޫރިއްޔާ ދާންދޫއަށް މިކުރައްވާ ދަތުރުފުޅަކީ ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް މިއަދު ފެށްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް