އަނެއްކާވެސް ރައީސް ނަޝީދު ރައީސް ސޯލިހަށް ފާޑުވިދާޅުވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދައުރު ނިމެންދާއިރުވެސް އެއްވެސް ކަމަކަށް ކާމިޔާބު ތަހުގީގެއް ހިންގިފައި ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހ...

23 Dec 2022 | 11:57

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދައުރު ނިމެންދާއިރުވެސް އެއްވެސް ކަމަކަށް ކާމިޔާބު ތަހުގީގެއް ހިންގިފައި ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ރައީސް ޞާލިހާއި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި އެ މަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނަތާއި ވެންޓިލޭޓަރުގެ ހިޔާނާތައް ދައުވާކޮށް ހުކުމް އިއްވުމުން ފައިސާއަށް ވީގޮތް ސާފުވާނެ ކަމަށެވެ.

އަދި ރައީސް ޞާލިހްގެ ދައުރު މި ނިމެނީ ކަމަށާއި، މިއިން އެއްވެސް ކަމަކަށް ކާމިޔާބު ތަހުގީގެއް ހިންގާދައުވާ އުފުލިފައި ނެތްކަމަށް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި މިހެން ވިދާޅުވެފައި ވީ ނަމަވެސް، ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެންނަން އޯޑަރު ކުރި ވެންޓިލޭޓަރުތަކެއް ނުލިބުނު މައްސަލައިގަ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

އަދި މައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025 ރުފިޔާ އަނބުރާ ހޯދުމަށް ވެސް އޭސީސީން އެދިފައި ވެއެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ ޓްވީޓްގައި ފާހަގަކުރައްވާފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު ފަސް މައްސަލައެއްގެ ބައެއް ކަންކަން އިސްލާހުކުރަން ޕީޖީ އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް