ކޮންމެ ކަމެއްވެސް ގޯސްވާނީ ނުވަތަ ރަނގަޅުވާނީ އެމީހަކު އެކަމެއް ނަގައިގަންނަ ގޮތުންނެވެ. ނުވަތަ ދެކޭ ގޮތަކުންނެވެ. އެގޮތުން ޗުއްޓީ ނޫން ދުވަސް ދުވަހުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ގޭގައި ގިނަވަގުތު ނޫޅެވޭ ފަރާތްތަކަށް އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ދީ، ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކުރުމަށްޓަކައި ޗުއްޓީގައި ގޭގައި ހުރުމަކީ އެންމެ ރަނގޅު ގޮތް ކަމުގައި ދެކެވިދާނެއެވެ. ހަމަ އެސަބަބަށްޓަކައި ޗުއްޓީގައި އާއިލާ ނުވަތަ ރައްޓެހިންނާއެކު ރަށުން ބޭރަށް ދިއުމަކީ ރަނގަޅު ވަގުތު ހޭދަކުރެވޭނެ ގޮތެއްކަމުގައި އަނެއް ބަޔަކަށް ވިސްނިދާނެއެވެ. މި ދެ ގޮތަކީވެސް ރަނގަޅު ގޮތެކެވެ. ކޮންމެ ގޮތަކަށް ވިސްނުނު ކަމުގައިވީނަމަވެސް ޓާރގެޓަކަށްވާންވާނީ ޗުއްޓީގައި ވަގުތު ބޭކާރުނުކުރުމަށެވެ.
ޗުއްޓީއަކީ ގުޅުންތައް ބަދަހިކުރުމުގެ ދުވަސްތަކެއް ކަމުގައި ހަދާށެވެ. ރަށުން ބޭރަށް ނުދެވޭ ފަރާތްތަކުން ރަށުގައި ތިބި އާއިލާ ފަރާތްތައް ނުވަތަ ރަހުމަތްތެރިންނާއި ބައްދަލުކޮށްލެވިދާނެއެވެ. އެއްވެސް ތަނަކަށް ނުގޮސް ގޭގައި ހުންނަ ފަރާތްތަކުން އާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭތޯ ބެލިދާނެއެވެ. ނުވަތަ އެކަނި ހުންނަ ވަގުތުތަކުގައި ކޮންމެވެސް އާކަމެއް ދަސްކުރުމުގައި ހޭދަކޮށްލެވިދާނެއެވެ. ނޫންނަނަމަ ވަގުތު ނުލިބުމުގެ ސަބަބުން ކުރަން ބޭނުންވެފައި އެހެންނަމަވެސް ނުވެ ހުރި ކަންތައްތައް ކޮށްލުމަށް ވަގުތު ހުސްކޮށްލެވިދާނެއެވެ.
ޗުއްޓީ ތެރޭގައި ހިތްހަމަޖައްސާލުމަށްޓަކައި ގޭގައި ހުންނަ ފަރާތްތައްވެސް އަދި ބޭރުގައި ޗުއްޓީއަށް ގޮސް އުޅޭ ފަރާތްތަކުންވެސް ސުކޫލަށް ނުވަތަ އޮފީހަށް ނިކުންނައިރަށް ތައްޔާރުވުމަށްޓަކައި ކޮންމެވެސް މިންވަރަކަށް ވަގުތު ހޭދަކޮށްލުން މުހިއްމެވެ. ޙާއްސަކޮށް ސުކޫލް ދަރިވަރުންނަމަ ނިމިދިޔަ ޓާރމްގެ ފިލާވަޅުތައް މުތޯލިއާ ކޮށްލުމުގައެވެ.އުފަލާއި މަޖަލުގައި ހޭދަކުރާ ދުވަސްތަކުގެ ވަގުތުތައް ވިސްނުމާއެކު ކުރިއަށްގެންދާށެވެ. މި ޗުއްޓީގައި ތަނަކަށް ނުދެވުނަސް އެއީ ގޭގައި ވަގުތު ހޭދަކޮށްލަން ލިބުނު އިތުރު ފުރުސަތެއް ކަމުގައި ދެކި ރަނގަޅު ކޮށްލަން ޖެހޭ ކަންކަމުގައި މަސައްކަތް ކޮށްލުމަށްޓަކައި ކޮންމެވެސް ވަރަކަށް ވަގުތު ހޭދަ ކޮށްލަންވާނެއެވެ.
ލިބޭ ޗުއްޓީތަކުގައި އާއްމު ދުވަސްތަކުގައި ކުރާ ކަންތައްތަކާއި ތަފާތުކޮށް ހިތްހަމަޖެހޭ ފަދަ ކަންތައްތަކެއް ކުރަން ވާނެއެވެ. ޗުއްޓީއިން އެނބުރި ދިއުމުގެ ކުރިން މައިންޑް ރިފްރެޝް ކޮށްލެވޭތޯއެވެ. އެހެންނަމަވެސް ކޮންމެ ހާލަތެއްގައިވެސް ތިބާގެ ދީނީ ވާޖިބުތަކުން ޗުއްޓީ ނަގައިގެން ނުވާނެކަންވެސް ދަންނަންވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް