ކާރިސީ ހިރާސްކުޑަކުރުމަށް ޢާންމު ރައްޔިތުންގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުމަށް ދިވެހިރާއްޖޭ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ.) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއި ކޮށްފައި ވަނީ އިއްޔެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެމްއެންޔޫއިން ބުނީ މި އެއްބަސްވުން އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ކާރިސާގެ ކަންކަން ބެލެހެއްޓުމުގަޔާއި، ކާރިސީ ހިރާސްކުޑަކުރުމަށް އަދި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށާއި ޢާންމު ރައްޔިތުންގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުމަށް އެން.ޑީ.އެމް.އޭ. އާއި އެމް.އެން.ޔޫ. އެކުގައި މަސައްކަތް ކުރުން ކަމަށެވެ.
އަދި ދެ ފަރާތުގެ ޤާބިލްކަން ހުރި މިންވަރަކުން ދެ މުއައްސަސާއިންވެސް އެއްބަޔަކު އަނެއްބަހަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެމްއެންޔޫ އިން ބުނެފައި ވެއެވެ.
އެގޮތުން އެމްއެންޔޫއިން ބުނީ މި އެއްބަސްވުމުގެ ދަށުން ކާރިސާގެ ކަންކަން ބެލެހެއްޓުމާ ގުޅޭ ގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށާއި ވިލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިވުން ހިމެނޭކަމަށެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ގުޅޭ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީން/ ސެމިނަރ/ ވާކްޝޮޕް/ ކޮންފަރަންސް/ މަހާސިންތާތަކުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ފުރުސަތު ދިނުމަށް އިސްކަންދިނުމަށާއި، އެމް.އެން.ޔޫ. އިން ދަސްވެނިވާ ކުދީންގެ ދިރާސާތައް ކަމާގުޅޭ މައުޟޫޢުތަކަށް ތައްޔާރުކުރުން ހިމެނޭކަމަށް އެމްއެންޔޫއިން ހާމަކުރެއެވެ.
މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ. އާއި އެން.ޑީ.އެމް.އޭ. ގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް