ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަފާތު ހިޔާލުތަކަށް ޖާގަދޭ ކެތްތެރި ވެރިކަން ދަމަހައްޓަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމަވާފައިވާ ރައީސް ސޯލިހުގެ ކެމްޕެއިން ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޕްރައިމަރީގައި ރައީސާއި ވާދަ ކުރައްވަން ފޯމު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެ ޖަލްސާގައި ޝާހިދު ވިދާޅުވީ ރޭ ފެށި މަސައްކަތް ނިންމާނީ އަނެއްކާވެސް ރައީސް ސޯލިހު ވެރިކަމުގައި ބައިންދާފައި ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރުގައި ގާނޫނަށް އިހުތިރާމްކުކޮށް އަދި ތަފާތު ހިޔާލަށް ޖާގަދެމުންދާ ކަމަށެވެ.
އެއާ އިދިކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ފަދައިން ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު ހިސޯރުކުރާނެ ފަދަ ވެރިކަމެއް ބާއްވަން ބޭނުން ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. ޔާމީންގެ ވެރިކަމާއި ގުޅޭގޮތުން އިތުރަށް ވިދާޅުވީ ފެލާލައިފި، ނޮޅާލައިފި އޭ ކިޔައިގެން އިދިކޮޅުން ވާހަކަ ދައްކާއިރު، ރައްޔިތުންގެ ފައިސާ ނުހައްގުން ބޭނުންކުރީ ޔާމީންގެ ސަރުކާރުން ކަމަށެވެ.
ދައުލަތުގެ ފައިސާއަށް ވީ ގޮތް ނޭނގިގެން އިދިކޮޅު އުޅުނަސް، ހިޔާނާތްވީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަން ކުރަނީ މިދިޔަ 2013 ވަނަ އަހަރުން ފެށިގެން އެކަން ކުރި މީހުން ކަމަށެވެ.
ޝާހިދު ވިދާޅުވިގޮތުގައި ރަށު ބަންދުން ރައްޔިތުން ފިލުވައިލުމަށް ކުޑަ އަގުގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރީ މި ސަރުކާރުންނެވެ. އަދި ހިލޭ ޑިގްރީ އާއި ސާފު ބޯފެން ރަށްރަށަށް ލިބޭނެ މަގު ތަނަވަސްކޮށްދިނީ ވެސް މި ސަރުކާރުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް