ހަޑިހުތުރު ބަސްތަކުން މީހުންނާއި ޒުވާބުކުރުންވެސް އެއީ ދެވޭ ބޮޑު އަނިޔާއެކެވެ.

އަނިޔާވެރިކަމަކީ ޙައްޤުން އެއްކިބާވެ ބާޠިލުގޮތްތަކަށް ރުޖޫޢަ ވުމެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ޢަދުލުވެރި ކަމުން އެއްކިބާވެ ދެކޮޅުވެރި ވުމެވެ. އެތަނެއްގައި ޢަދުލުވެރިކަން ނެތްނަމަ ދެން އޮންނާނީ ...

23 Dec 2022 | 04:27

އަނިޔާވެރިކަމަކީ ޙައްޤުން އެއްކިބާވެ ބާޠިލުގޮތްތަކަށް ރުޖޫޢަ ވުމެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ޢަދުލުވެރި ކަމުން އެއްކިބާވެ ދެކޮޅުވެރި ވުމެވެ. އެތަނެއްގައި ޢަދުލުވެރިކަން ނެތްނަމަ ދެން އޮންނާނީ އަނިޔާވެރިކަމެވެ. އެއީ ދެމީހެއްގެ ދެމެދުގައި ވިޔަސް ނުވަތަ ޢާއިލާއެއްގެ ތެރޭގައިވިޔަސް ނުވަތަ މުޖުތަމަޢު ތެރޭގައި ވިޔަސް މެއެވެ.

ދަންނާށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސާމެ ދު ވެވޭ އަނިޔާ އަކީ އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ކުރާ ނުވަތަ ވެވޭ އަނިޔާއެވެ. މީސްތަކުންގެ ތެރޭގައި އަމިއްލަ ނަފްސަށް އަނިޔާވެރިވާ ބަޔަކު ތިބިކަން އަންގަވާ މާތްﷲ ވަޙީކުރައްވަނީ މިފަދައިންނެވެ.

{ فَمِنْهُمْ ظَالِمٌ لِّنَفْسِهِ } (سورة فاطر:32) މާނަ: “ފަހެ، އެއުރެންގެ އަމިއްލަ نفس އަށް އަނިޔާވެރިވާ ބަޔަކު، އެއުރެންގެތެރެއިން ވެއެވެ.” އަދީ މޫސާ ޢަލައިހިއްސަލާމްގެ ބަސްފުޅު މާތްﷲ ކީރިތި ޤުރުއާނުގައި ގެންނަވާފަވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ : { رَ‌بِّ إِنِّي ظَلَمْتُ نَفْسِي } (سورة القصص:16)، މާނަ: ” އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ نفس އަށް އަޅު އަނިޔާކޮށްފީމެވެ.”

އިސްވެބަޔާން ކުރެވުނު އަނިޔާވެރިކަމުގެ ހުރިހާ ވައްތަރެއްވެސް އާޚިރުގައި ރުޖޫޢަވަނީ ތިމާގެ އަމިއްލަ ނަފްސަށެވެ. ޝިރުކު ކަމުގައިވިޔަސް ނުވަތަ މީހާކަށް ގެއްލުމެއް ދިންކަމުގައިވިޔަސް އެކަމުގެ ގެއްލުން އަންނަ ހުށީ ތިބާގެ އަމިއްލަ ނަފްސަށެވެ.

އަނިޔާވެރިކަމުގެ ތެރޭގައި އަނެކުންގެ މުދާ ނުޙައްޤުން ކެއުމާއި އަދި އަތުލުން ހިމެނެއެވެ. އަދި މީސްތަކުންގެ ގައިގާ ޖެހުމާއި ހަޑިހުތުރު ބަސްތަކުން މީހުންނާއި ޒުވާބުކުރުންވެސް އެއީ އަނިޔާއެއް ކަމުގައި ހިމެނެއެވެ. ޔަތީމުންގެ މުދާ އަތުލުމާއި، ހާވާލުވެފައިވާ މީހުންގެ ޙައްޤުތައް ރައްދުކުރެވޭ ޙާލުވެސް ރައްދު ނުކުރުމާއި، އަދި އަނބިދަރިންނަށް ފޭރާމާއި ކާނެ ތަކެތި ނުދިނުންވެސް ހިމެނެނީ އަނިޔާވެރިކަމުގެ ތެރޭގައެވެ. އަދި ކުއްޔަށް ހިފާ އެއްޗިއްސާއި ތިމާގެ ދަށުގައި މަސައްކަތް ކުރާ މުޥައްޒަފުންނަށް އެމީހުންގެ އުޖޫރަ ނުދިނުންވެސް ހިމެނެނީ ހަމަ އަނިޔާވެރިކަމުގެ ތެރޭގައެވެ.

އިސްވެދެންނެވުނު މީސްތަކުންގެ ލެޔާއި މުދަލާއި އަދި އަބުރަކީ މާތްﷲ ޙުރުމަތް ކުރައްވާފައިވާ ތަކެއްޗެވެ. އަބޫހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙާދީޘްކުރެއްވިއެވެ. : « كُلّ الْمُسْلِم عَلَى الْمُسْلِم حَرَامٌ، دَمُهُ وَمَاُلُهُ وَعِرُضُهُ» (رواه مسلم). ކޮންމެ މުސްލިމަކުވެސް އަނެއް މުސްލިމެއްގެ މައްޗަށް ވަނީ ޙަރާމް ވެގެންނެވެ. އެއީ އޭނާގެ ލެއާއި، މުދަލާއި، އަބުރެވެ.”

އަޅުގަނޑުމެން މީހަކަށް އަނިޔާވެރިވެވޭ އިރު ހަނދާން ކުރަންވީ ތިބާއަށްޓަކައިވާ މާތްﷲ ގެ ޢަދުލުވެރިކަމެވެ. އަދި މީހަކަށް އަނިޔާވެރިވުމަށް ތިމާ ދާއިރު ހަނދާން ކުރަންވީ މާތް ﷲ ގެ ޤުދުރަތްތެރިކަމެވެ. ކިތަންމެ ސިއްރުން ކަމެއް ކުރިކަމުގައިވީނަމަވެސް އެކަމެއް ފާޅުކުރެއްވުމުގެ ކުޅަދުންވަންތަކަން އެފަރާތަށް ލިބިވޮޑިގެންވާ ކަމެވެ. އަދި ޤިޔާމަތް ދުވަހުން ޢަދުލުވެރިކަމާއެކު އެކަމުގެ ޙައްޤު އަދަބު ލިބޭނެކަމެވެ.

ވީމަ، އަޅުގަނޑުމެން އަމިއްލަ ނަފްސަށާއި އެހެން މީސްތަކުން އަނިޔާވެރިވުމުން ދުރުހެލިވާންވީއެވެ. އަދި މި ބިމުގައި މާތް ﷲ އެންގެވި ޢަދުލުވެރިކަމުގެ މިންގަނޑުގައި ފައިތިލަ ސާބިތުކޮށް އުޚުރަވީ ޙަޔާތަކީ އަޅުގަނޑުމެންގެ އަމާޒު ކަމުގައި ހަދަންވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް