މިއަހަރުގެ ގޯލްޑަން ފުޓް އެވޯޑު ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލަންޑުގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށް ލިބިއްޖެ އެވެ.
ލެވަންޑޯސްކީ އަށް މި އެވޯޑު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ މޮނާކޯ ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި އެވޯޑަށް ފަހު ވާހަކަ ދައްކަމުން ލެވެންޑޯސްކީ ބުނީ، އޭނާއަށް ގޯލްޑަން ފުޓް އެވޯޑް ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށާއި މިއީ އޭނާ ކުރި ބުރަމަސައްކަތުން ހާސިލްވި އެވޯޑެއް ކަމަށެވެ. އަދި މި އެވޯޑް ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރެވުނު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
" އެވޯޑް ލިބުމުން ވަރަށް އުފާވެއްޖެ. ވަރަށް ބޮޑަށް އުފާވެއްޖެ. އަހަރެން ދެކެމުން އައި ހުވަފެނެއް ހަޤީޤަތަކަށް ވެއްޖެ. ގޯލްޑެން ފުޓް އެވޯޑް ހޯދަން އަހަރެން ގިނަ މަސައްކަތް ތަކެއް ކުރިން. އެކަން ހާސިލްވެއްޖެ." އެވޯޑަށް ފަހު ވާހަކަ ދައްކަމުން ލެވެންޑޯސްކީ ބުންޏެވެ.
ގޯލްޑެން ފުޓް އެވޯޑް ލެވެސްޑޯސްކީ އަށް ލިބުނުއިރު، މިއީ ޕޮލަންޑުގެ ތާރީޚުގައި އެގައުމުގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.
2003 ވަނަ އހަރު ތައާރަފްކުރި މި އެވޯޑް އެންމެ ފުރަތަމަ ހާސިލް ކުރީ އިޓަލީގެ ފުޓްބޯޅަ ތަރި ރޮބާޓޯ ބާޖިއޯއެވެ. އެންމެ ފަހުން 2021 ވަނަ އަހަރު މި އެވޯޑް ހާސިލް ކުރީ މިސްރުގެ ތަރި މުހައްމަދު ސަލާހުއެވެ.
މި އެވޯޑު ހާސިލް ކުރި ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ރޮނާލްޑޯ، ރޮނާލްޑީނިއޯ، ރޮބާޓޯ ކާލޯސް، އައިވަރީ ކޯސްޓުގެ ޑިޑިއޭ ޑްރޮގްބާ، ސްޕެއިންގެ އިނިއެސްޓާ، އިކާ ކަސިޔަސް، އުރުގުއޭގެ އެޑިންސަން ކަވާނީ، ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް އަދި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެ އެވެ.
އަހަރަކު އެއް ފަހަރު ދެމުން އަންނަ މި އެވޯޑަކީ އުމުރުން 28 އަހަރުން މަތީގެ ކުޅުންތެރިންގެ ތެރެއިން، ފުޓުބޯޅަ ކުޅުމުން އަންނަ ކުޅުންތެރިޔަކަށް ދެމުން އަންނަ އެވޯޑެކެވެ. ސަޕޯޓަރުންގެ ވޯޓަކުން ހޮވާ މި އެވޯޑު ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭނީ އެއް ފަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް