އުރީދޫ މޯލްޑިވްސް އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފަ އެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށްވުން ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާ ފަރާތަކަށްވުން (ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާނަމަ ބޯޑުގެ ޤަރާރު ހުށަހަޅަންވާނެ) އެވެ. އަދި ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު: 96/10) އަދި މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އާންމުކޮށްފައިވާ "ކޯޕަރަޓް ގަވަރނަންސް ކޯޑް" ("ސީ.ޖީ. ކޯޑް") ގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް (އިންޑިޕެންޑެންޓް ޑިރެކްޓަރުގެ ޝަރުތު ހިމެނޭގޮތަށް) ހަމަވާ ފަރާތެއް ކަމުގައި ވުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑު ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުމާއި ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީއަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވާން ޖެހޭ އިރު، ދިވެހިރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓަރގައި، އިސް މަގާމެއްގައި މަދުވެގެން ދިހަ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވެސް ވާންޖެހެ އެވެ.
ހަމަމިއާއެކު މަދުވެގެން 1 އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ޚިދުމަތުގެ ރިކޯޑު ފެންނަން އޮތުމާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، 2 ލިސްޓަޑް ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ވުރެ ގިނައިން މިވަގުތު ހުރި ފަރާތަކަށް ނުވުން ވެސް ހިމަނާފައި ވެއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން ވެސް ހިމަނާފައިވާ އިރު، ނަމަވެސް މި ފަދަ މަގާމެއްގައި ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރ އާއެކު މަސައްކަތްކޮށްފައިވާ ނަމަ، އެ މަގާމުން ވަކިވެފައިވާތާ މަދުވެގެން 12 މަސް ދުވަސްވުން ވަނީ ހިމަނާފަ އެވެ.
މި މަގާމަށް ކުރިަމތިލާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއެއްގެ މުވައްޒަފެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތަކަށް ނުވުނމާއި އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއެއްގެ މުވައްޒަފެއްގެ ގޮތުގައި ފާއިތުވީ 12 މަސްދުވަހުގެ ތެރޭގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުމާއި އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީގެ ނަޒަރުގައި، ބޯޑު ޑިރެކްޓަރެއްގެ މަގާމު ފުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތަކަށް ވުން ހިމެނެ އެވެ.
މީގެ ތެރޭގައި ތިރީގައިވާ ބަޔާންކުރެވިފައިވާ ކަންކަން ހިމެނޭނެ.
-
- ފަންނީ ގޮތުންނާއި އަމިއްލަ ހައިޞިއްޔަތުން ކުރާ މުޢާމަލާތްތައް ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ކުރާ ފަރާތަކަށްވުން.
- އެކަށީގެންވާ ނިންމުންތައް ނިންމުމުގެ ހިކުމަތްތެރިކަމާއި ގާބިލުކަން ހުރުން.
- މާލީ ރިޕޯޓުތަކާއި އެހެނިހެން ރިޕޯޓުތައް ކިޔައި ދެނެގަތުމުގެ ގާބިލުކަން ހުރުން.
- ކުންފުނި ހިންގުމާއި ބެލެހެއްޓުމުގައި އެކަށީގެންވާ ގޮތެއްގައި އެހީތެރިވެދެވޭނެ ފަރާތަކަށްވުން. މިގޮތުން ވިޔަފާރީގެ ދާއިރާގައި ހޯދާފައިވާ ތަޖުރިބާއާއި ހާސިލުކޮށްފައިވާ ނަތީޖާ/ކުރިއެރުންތަކުގެ ރިކޯޑު ފެންނަން އޮތުން.
- އެހެނިހެން ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ޒިންމާދާރުކަމާއި ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ހުރުން.
- ކުންފުނީގެ މެނެޖްމަންޓް ސްޓެންޓަޑްސް މަތީ ފެންވަރެއްގައި ހާސިލުކުރުމަށްޓަކައި ކުންފުނީގެ މުވައްޒަފުންނާ މުޢާމަލާތްކޮށް މަޝްވަރާކުރުމުގެ ގާބިލުކަން ހުރުން.
- ތަފާތު އެކި ދާއިރާތަކުގެ ހުނަރުވެރިކަމާއި ތަޖުރިބާގެ ރިކޯޑު ފެންނަން އޮތުމާއެކު ކުންފުނީގެ ކުރިމަގާމެދު ސްޓްރެޓީޖިކްކޮށް މުސްތަޤްބަލަށް ވިސްނުން ބެހެއްޓުމުގެ ގާބިލުކަން ހުރުން.
އުރީދޫ މޯލްޑިވްސްގެ ބޯޑުގައި ޖެންޓަރ ޑައިވަރސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެ ކުންފުނިން މަރުހަބާ ކިޔައި ހިތްވަރުދޭ ކަމެކެވެ.
ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ. އަދި 2022 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިޚާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާނު ކުރާނެ އެވެ.
ކުންފުނީގެ ހިންގާ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަގާމުގައި ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިޚާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ފެށުމާ ހަމައަށެވެ. އެހެންކަމުން، 2022 ވަނަ އަހަރުގެ މާރިޗު މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2024 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ނުވަތަ ނުވަތަ މި "ލިންކް" އިން ލިބޭނެ އެވެ.
އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ހ. ސަންލީޓު (6 ވަނަ ފަންގިފިލާ)، ބޮޑުތަކުރުފާނު މަގު، މާލެ އަށެވެ. އަދި [email protected] އަށް އީމެއިލް ވެސް ކުރެވޭނެ އެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 14:00 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް