ބޮލީވުޑްގެ ބަތަލާ އަދި ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން އާއި ލޯބިވެރިޔާ ރޮހްމަން ޝޯލް ރުޅިވެއްޖެ އެވެ.
ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް ހާމަކުރީ 2018 ވަނަ އަހަރު އެވެ. ދެމީހުންގެ ގުޅުން ހާމަ ކުރީ އާއިލީ ބައްދަލުވުންތަކާއި ޕާޓީތަކާއި އާންމުތަންތަނުން ފެންނަން ފެށުމުން މީހުން ސުވާލުކޮށް އެކަން ނޫހުގައި ޖަހަން ފެށުމުންނެވެ.
މި ފަހުން ދެމީހުން ރުޅިވެއްޖެ ކަމަށް ބުނެ ވާހަކަ ދެކެވެމުން ދަނިކޮށް ސުޝްމިތާ ވަނީ މިއަދު އިންސްޓަގްރާމް މެދުވެރިކޮށް އެކަން ޔަގީން ކޮށްދީފަ އެވެ. ސުޝްމިތާ ބުނެފައިވަނީ ދެމީހުންގެ ގުޅުން ފެށުނީ އެކުވެރިކަމުން ކަމަށާއި ދެންވެސް އެ ގުޅުމުގައި ދެމިތިބޭނެ ކަމަށެވެ.
އޭނާ ބުނެފައިވާ ގޮތުގައި ދެމީހުންގެ ލޯބީގެ ގުޅުން ނިމުނުތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެކަމަކު ދެމީހުންގެ ދެމެދުގައި ލޯބި އެބައޮތް ކަމަށް ސުޝްމިތާ ބުންޏެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ދެމީހުން އެކުގައި ތިބި ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ.
އުމުރުން 46 އަހަރުގެ ސުޝްމިތާ އާއި 29 އަހަރުގެ ރޮހްމަންގެ ގުޅުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ އަދި ޖޯކު ޖަހާ ގުޅުމެކެވެ. ދެމީހުންގެ އުމުރުގައި 15 އަހަރުގެ ތަފާޓު ހުރި އިރު ސުޝްމިތާ ކުރިން ބުނެފައިވަނީ ދެމީހުން އެންމެ ފުރަތަމަ ބައްދަލުވެގެން ރައްޓެހިވި އިރު ރޮހްމަން އުޅުނީ އުމުރު އޮޅުވާލައިގެން ކަމަށެވެ.
https://www.instagram.com/p/CX0v-ZHNna1/
ސުޝްމިތާ އާއި ރޮހްމަންގެ ގުޅުމަށް ޖޯކު ޖަހާ މީހުން އެންމެ މަލާމާތް ކުރަނީ ރޮހްމަން ބޮޑު ދެ އަންހެން ކުދިންގެ ބައްޕައަކަށް ވާން އުޅޭތީ އެވެ. ދުވަހަކުވެސް ކައިވެންޏެއް ކޮށްފައިވާ ސުޝްމިތާ އަކީ މަގުމައްޗަށް މައިންބަފައިން ދޫކޮށްލާފައިވާ ދެ އަންހެން ކުދިން އެޑޮޕްޓުކޮށްގެން ބަލާ ބޮޑު ކުރާ މީހެކެވެ.
އޭގެ ތެރެއިން ދޮށީ ދަރިފުޅު ރެނީ ސެންއަށް މިއަހަރު 22 އަހަރު ފުރިފައިވާއިރު ހަގު ދަރިފުޅު އަލީސާހް ސެންއަށް މިއަހަރު ވަނީ 12 އަހަރު ފުރިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް