އިންޑިއާގެ ޔޫނިއަން ޓެރަޓަރީގައި ހިމެނޭ ލަކްޝަދްވީޕް ނުވަތަ މަލިކުގެ ރަސްމީ ބަންދު ދުވަހަށް މައި ސަރުކާރުން ގެނައި ބަދަލާއި އެކު އާންމުން ރުޅިގަދަވެއްޖެ އެވެ.
އިންޑިއާގެ މައި ސަރުކާރު ހިންގާ ބީޖޭޕީއަކީ ހިންދޫ ދީން އެކަނި އިންޑިއާގައި އޮތުމަށް ނުސީދާކޮށް މަސައްކަތް ކުރާ ބައެކެވެ. މައި ސަރުކާރުން ދަނީ އިންޑިއާގައި އެހެން ދީންތަކުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުގައި ބީޖޭޕީގެ ކޮންޓްރޯލް އޮންނާނެ ގޮތަކަށް ގަވައިދުތަކާއި އުސޫލުތަކަށް ބަދަލު ގެންނަމުންނެވެ.
އެ އުސޫލުގެ ތެރެއިން މަލިކުގެ ވެރިއަކަށް ބީޖީޕީ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިސް ބޭފުޅެއް ކަމަށްވާ ޕްރަފުލް ކޯޑާ ޕަޓޭލް އައްޔަންކޮށް އެތައް އަހަރެއް ވަންދަން އަމަލު ކުރަމުންދާ މަލިގެ އިސްލާމީ ގަވައިދުތައް ދަނީ ބަދަލު ކުރަމުންނެވެ. އެންމެ ފުރަތަމަ އޭނާ މަގާމާއި ހަވާލުވުމަށް ފަހު ބަނގުރާ ވިއްކުން ހުއްދަ ކުރަން މަސައްކަތް ކޮށް، މަލިކުގައި ގެރި މަސް ކެއުން މަނާ ކުރަން އުޅުނެވެ.
މިފަހަރު ރައްޔިތުންނާއި އެއްވެސް މަޝްވަރާއެއް ނުކޮށް ހުކުރު ދުވަސް ވަނީ ރަސްމީ ދުވަހަކަށް ހަދާފަ އެވެ. އަދި ހުކުރު ދުވަހުގެ ބަދަލު ރަސްމީ ބަންދު ދުވަހަކީ އާދިއްތަ ދުވަހަށް ވަނީ ހަދާފަ އެވެ. ހޮނިހިރު ދުވަހަކީ އިންޑިއާގައި އެއްބައި ރަސްމީ ދުވަހެކެވެ.
މި ބަދަލު ގެނައުމުން ހުކުރު ގަޑީގައި ސްކޫލްތަކާއި އޮފީސްތައް ހުޅުވަން ޖެހޭތީ މުސްލިމުން ދިރިއުޅޭ މަލިކުގައި އަނެއްކާވެސް ވަނީ މައި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ފަށާފަ އެވެ. މަލިކުގެ މަޖިލީސް މެމްބަރު މުހައްމަދު ފައިޒަލް ވިދާޅުވީ އެތައް ގަރުނެއް ވެފައިވާ އެ ގަވައިދަށް ކުއްލިއަކަށް ޕްރަފުލް ބަދަލު ގެނައުން ބަލައިނުގަނެވޭނެ ކަމަށާއި އެފަދަ ބަދަލެއް ގެންނައިރު އެ ތަނެއްގެ އާދަކާދައާއި ދީނާއި ސަގާފަތަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.
މި މައްސަލައިގަ މަލިކުގެ ވައިސް ޕްރެސިޑެންޓު ކަމް ކައުންސިލާ ޕީޕީ އައްބާސް ވިދާޅުވީ އެ ނިންމުމާއި މެދު އަލުން ވިސްނުމަށް ޕްރަޕުލްއަށް ލަފާ އަރުވާފައިވާނެ ކަމަށެވެ. އަދި ގޮތެއް ކަނޑައެޅުމުގެ ކުރިން ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކާއި، ތައުލީމީ މުއައްސަސާތަކާއި މަޝްވަރާ ކުރުމަށް ލަފާ ދީފައިވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
އިންޑިއާގެ މައި ސަރުކާރުން ބުނީ މަލިކުގެ ގަވައިދުތަކަށް ބަދަލު ގެންނަމުން ދަނީ ޒަމާނީ ޓޫރިޒަމް ފުޅާކޮށް ދެވަނަ ރާއްޖެއަށް ހެދުމަށް ކަމަށެވެ. މަލިކު ރައްޔިތުންދަނީ އެގޮތަށް ވާން ބޭނުން ނޫން ކަމަށް ފާޅުގައި ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް