ރާއްޖެއާއި ބަންގްލަދޭޝް އާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މި ހަތަރު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދު ސޮއިކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޤާބިލު ޞިއްޙީ ޚިދުމަތްތެރިން ހޯދުމަށް "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް" ގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް އާއި ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޒާހިދު މާލިކް އެވެ. އަދި ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ވެފައިވާ އެއްބަސްވުން އާކުރުމަށް "ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ އޭރިއާސް އޮފް ހެލްތްކެއަރ އެންޑް މެޑިކަލް ސައިންސް" ގައި ސޮއިކުރެއްވީ ވެސް އެ ދެ ބޭފުޅުން ނެވެ.
ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމަށް " މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް" ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފް އާއި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްޞޫދު ބިން މޮމެން އެވެ. ޓެކްސްއަށް މަކަރު ހެދުމުގެ ފުރުޞަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ވެވުނު އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް އެވެ. ބަގްލަދޭޝްގަ ފަރާތުން ސޮއިކުރެއްވީ ބަންގްލަދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއަރމަން އެމް.ޑީ ރަހްމަތުލް މުނީމް އެވެ.
މީގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުން ވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔަ އެވެ. އެގޮތުން ރާއްޖެއިން މި އަސްކަރީ އުޅަނދުތަކުގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ދިވެހިރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލެވެ. ތަޅުދަނޑި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް އެސް.އެމް ޝާފިޢުދީން އަޙްމަދެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އެއްބަސްވުންތައް ބަދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރަސްމީގޮތުން ބައްދަލުކުރައްވާފަ އެވެ. އަދި މި ބައްދަލުކުރެއްވުމަށްފަހު، ދެޤައުމުގެ ސަރުކާރުގެ މެދުގައި ވަނީ ރަސްމީ ވާހަކަފުޅުތައްވެސް ބާއްވަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް