ތ.ދިޔަމިގިލީ ފަތިސް އެކަޑަމީން އިންތިޒާމް ކުރި ރީތިދަންވަރު-ފަތިސް ފޮޅި އަންޑަރ 16 ފުޓްސަލް ކަޕް 2021″ ފަށައިފި

ތ.ދިޔަމިގިލީ ފަތިސް އެކެޑަމީން އިންތިޒާމް ކޮށްގެން “ ރީތިދަންވަރު-ފަތިސް ފޮޅި އަންޑަރ 16 ފުޓްސަލް ކަޕް2021″ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް އަދި ހޭންޑް ބޯލް މުބާރާތުގެ ކުޅުން ފަށައިފިއެވެ. މުބާރާތ...

23 Dec 2021 | 06:00

ތ.ދިޔަމިގިލީ ފަތިސް އެކެޑަމީން އިންތިޒާމް ކޮށްގެން “ ރީތިދަންވަރު-ފަތިސް ފޮޅި އަންޑަރ 16 ފުޓްސަލް ކަޕް2021″ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް އަދި ހޭންޑް ބޯލް މުބާރާތުގެ ކުޅުން ފަށައިފިއެވެ.

މުބާރާތް އިއްޔެ ހެނދުނު ފެށުނުއިރު، ހެނދުނު ކުޅެވުނީ އަންހެން ކުދިންގެ ހޭންޑްބޯލް ދެ މެޗެވެ. އެގޮތުން އިއްޔެ ކުޅުނު ފުރަތަމަ އަންހެން ކުދިންގެ ހޭންޑް ބޯލް މެޗުގައި ބައްދަލު ކުރީ، މަތިވަރު އާއި ތީރު އެވެ. މެޗު 7-4 ން ކާމިޔާބު ކުރީ މަތިވަރު ޓިމެވެ. ދެ ވަނަ މެޗުގައި ބައްދަލު ކުރީ ލޭނާރު އާއި ތަރި އެވެ. އެ މެޗު 6-5 ން ކާމިޔާބު ކުރީ ލޭނާރު ޓީމެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނީ ފިރިހެން ކުދިންގެ ފުޓްސަލް ދެމެޗެވެ. އެގޮތުން އިއްޔެ ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ، ލޭނާރު އާއި ތީރު އެވެ. މި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއިން ދެޓީމު އެއްވަރު ވެގެންނެވެ. ދެ ވަނަ މެޗުގައި ބައްދަލު ކުރީ މަތިވަރު އާއި ތަރި އެވެ. މިމެޗްވެސް ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.

މި މުބާރާތަކީ ދިޔަމިގިލީ ފަތިސް އެކެޑަމީން އިންތިޒާމް ކޮށްގެން ދިޔަމިގިއްޔަށް ނިސްބަތްވާ 16 އަހަރުން ދަށުގެ ދެޖިންސުގެ ކުދިންނަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވާނީ 16 އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންނެވެ. މި އުމުރުފުރައިގެ ކުދިންގެ ހަތަރު ޓީމު ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގައި ވާދަކުރާނެއެވެ.

އެގޮތުން މި މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ:

– ތަރި

– ލޭނާރު

– މަތިވަރު

– ތީރު

މުބާރާތުގައި ބައިވެރިވާ ހަތަރު ޓީމަށްވެސް ޖާރޒީ ބައި ހަމަޖައްސައި ދީފައިވަނީ ސްޕޮންސަރުންގެ ދީލަތިއެހީއާއިއެކު މުބާރާތް އިންތިޒާމް ކުރާ ފަތިސް އެކެޑަމީގެ ފަރާތުންނެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރީތި ދަންވަރު އެވެ.

މިމުބާރާތުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމުގައި ދިޔަމިގިލީ ކައުންސިލްގެ ފަރާތުން ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދަނީ ލިބެމުންނެވެ. އެގޮތުން ކައުސިލުން ދެމުންގެންދާ މިފަދަ އެއްބާރުލުމަށް އެފަރާތަށް ހާއްޞަ ޝުކުރު ދަންނަވާކަމަށް ވެސް ދިޔަމިގިލީ ފަތިސް އެކެޑަމީން ބުނެއެވެ.

ދިޔަމިގިލީ ފަތިސް އެކެޑަމީން މަޢުލޫމާތު ދޭ ގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްސަދަކީ ފުޓުބޯޅަ އަދި ހޭންޑްބޯޅަ އާލާކޮށް ކުދިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައެއް ވަންތަކަން އިތުރަށް އާލާކޮށް ދިރުވުމެވެ. އަދި މީގެ އިތުރުން ރަށު ފެންވަރުގައި ރަނގަޅު ހުނަރުވެރި ކުޅުންތެރިންތަކެއް އުފައްދާ ކުދިން ދުޅަހެޔޮ ސިއްޚަތެއްގެ މަތީ ދެމިތިބުމަށް ބާރު އެޅުމަކީ ވެސް މި މުބާރާތުގެ މުހިންމު މަޤުޞަދެއް ކަމަށް ދިޔަމިގިލީ ފަތިސް އެކެޑަމީން ބުނެއެވެ.

ދިޔަމިގިލީ ފަތިސް އެކެޑަމީ އަކީ ރަށު ފެންވަރުގައި މިފަދަ ގިނަ ހަރަކާތްތަކެއް ކޮންމެ އަހަރުވެސް ރާވާ ހިންގާ އެކަޑަމީއެކެވެ. އެގޮތުން ނިމިގެން ދިޔަ އަހަރު ވެސް އެ އެކަޑަމީން ވަނީ ފިރިހެން ކުދިންގެ ފުޓްސަލް މުބާރާތެއް ބާއްވާފައެވެ. ނަމަވެސް މި އަހަރު ދިޔަމިގިލީ ފަތިސް އެކެޑަމީން ދަނީ ފިރިހެން ކުދިންގެ ފުޓްސަލް މުބާރާތެއްގެ އިތުރުން އަންހެން ކުދިންނަށް ހޭންޑް ބޯލް މުބާރާތެއް ވެސް ކުރިޔަށް ގެންދަމުންނެވެ.

ދިޔަމިގިލީ ފަތިސް އެކެޑަމީން އިންތިޒާމް ކުރި މި މުބާރާތް ރަސްމީކޮށް އިއްޔެ ހަވީރު ފެށިގެން ދިޔައިރު، މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ތ.އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް އަބްދުލް ފައްތާހްއެވެ.

މި މުބާރާތް ކުރިއަށް ދާނީ ޑިސެންބަރު 22 ން 25ގެ ނިޔަލަށް، ތ.ދިޔަމިގިލީ ފުޓްސަލް ދަނޑުގައި ކަމަށްވެސް ދިޔަމިގިލީ ފަތިސް އެކެޑަމީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް