އެމް.ޓީ.ސީ.ސީއިން ހުޅުމާލޭގައި ދެމުން ގެންދާ ބަހުގެ ޙިދުމަތަށް ދެ ބަސް އިތުރުކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ހުޅުމާލޭގައި ދެމުންގެންދާ ބަހުގެ ޙިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން އިތުރު ދެބަހުގެ ޙިދުމަތް އިފްތިތާޙް ކ...

23 Dec 2015 | 05:38

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ހުޅުމާލޭގައި ދެމުންގެންދާ ބަހުގެ ޙިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން އިތުރު ދެބަހުގެ ޙިދުމަތް އިފްތިތާޙް ކޮށްފިއެވެ.

ހުޅުމާލޭ މޭނާ ގިމަތަ ކުރިމަތީގައި އިއްޔެ ހަވީރު އޮތް ރަސްމިއްޔާތެއްގައި ދެބަހުގެ ޙިދުމަތް ފައްޓަވައިދެއްވީ ސަރުކާރުގެ ފަރާތުން އެމް.ޓީ.ސީ.ސީގެ މަސައްކަތް ވިލަރެސް ކުރައްވަމުން ގެންދަވާ ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު ޒުހޫރެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލެއަށް އަންނަމުންދާ ތަރައްޤީއާއި އެކު ދަތުރުފަތުރުގެ ނިޒާމްވެސް ހަރުދަނާކުރުމަށް އެމް.ޓީ.ސީ.ސީއިން ކުރާ މަސައްކަތްތަކަކީ އަގު ހުރި މަސައްކަތްތަކެއް ކަމަށެވެ.

މިއަދު ތަޢާރަފްކުރީ"މޭން" ބްރޭންޑުގެ ދެބަހެވެ. މިއާއި އެކު ހުޅުމާލޭގެ އެތެރޭގެ ބަހުގެ ދަތުރުތައް ހަލުވިވެ އެއަރޕޯޓާއި ދެމެދު ކުރާ ދަތުރުތަކަށް ވެސް ލުއި ފަސޭހަކަން ލިބިގެން ދާނެ ކަމަށް އެމް.ޓީ.ސީ.ސީއިން ހާމަކުރެއެވެ.

  • ޖާގަ: އެއްފަހަރާ 44 މީހުން ( ލަގެޖާއި އެކު)
  • އެއަރޕޯޓް ބަސް: ގަޑި އަކު ދެފަހަރު
  • 24 ގަޑި އިރުގެ ބަހުގެ ހިދުމަތް
  • އެއަރޕޯޓާއި ހުޅުމާލެއާއި ދެމެދު (ދުވާލަކު): 4300 ފަސިންޖަރުން
  • ހުޅުމާލޭގެ އެތެރޭގައި (ދުވާލަކު): 11000 ފަސިންޖަރުން

އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އިބްރާހީމް އަބްދުއް ރައްޒާޤު ވިދާޅުވީ، ޕީކް ގަޑިތަކުގައި ހުޅުމާލޭގެ ނޭބަރހުޑް 1 އަދި ނޭބަހރހުޑް 2، މިއިން ކޮންމެ ރޫޓެއްގައި ދެބަހުގެ ޙިދުމަތް ދެމުންގެންދާނެ ކަމަށެވެ. މިއާއި އެކު ހުޅުމާލެގާއި  ބަހުގެ ޙިދުމަތް ހޯއްދަވާ ފަރާތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައްޒާޤު ވިދާޅުވިއެވެ.

ހުޅުމާލޭގައި ދެމުން ގެންދާ ބަހުގެ އިތުރުން ހުޅުމާލޭއާއި މާލެއާއި ދެމެދު ދަތުރުކުރާ ފެރީގެ ފެންވަރު ރަގަޅުކުރުމުގެ ގޮތުން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެއަރކޮންޑިޝަން ކޮށްފައިވާ ފެންވަރު ރަގަޅު ދެ ފެރީގެ ޙިދުމަތްވެސް ފެށިގެން ދާނެ ކަމަށް އެމް.ޓީ.ސީ.ސީއިން ހާމަކުރެއެވެ.

އެމް.ޓީ.ސީ.ސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީ ތެލާއި، ސްކޮޓް ބެޑަރ ފައިބަރ، ސިގްމާ އެންޓިފައުލިން ސިންސްޓަމްގެ ރާއްޖޭގެ އެޖެންޓެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާ ތަރައްޤީގެ އެކި މަޝްރޫޢުތައްވެސް ކުރިއަށް ގެންދިޔުމުގައި އެމް.ޓީ.ސީ.ސީގެ ހިއްސާ ވަރަށް ބޮޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް