ސިފައިން މިހާރު ފަށާފައިވާ "ޖައްރާފާ" ތަމްރީނުގެ ތެރެއިން -
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކޮންމެ
އަހަރަކު ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ" ގެ މި އަހަރުގެ ތަމްރީނުތައް
މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި މި އެކްސަސައިޒަކީ،
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ
އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން 2013ވަނަ އަހަރުން ފެށިގެން ކޮންމެ
އަހަރަކު ބާއްވަމުންގެންދާ އެކްސަސައިޒެކެވެ.
އެގޮތުން މި އެކްސަސައިޒް ކުރިއަށްގެންދިޔުމުގެ މަގުސަދުތަކުގެ
ތެރޭގައި، ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔަރ ފައިޓަރުން
ހަރަކާތްތެރިވާ އިރު، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރާއި ވަސީލަތްތައް
އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމުގެ
އިތުރުން، ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭނާއި، ސްޓޭންޑަޑް އޮޕަރޭޝަން ޕްލޭތަކާއި،
އިންސިޑެންޓް ކޮމާންޑް ސިސްޓަމް އަދި އިންޓަރ-އެޖެންސީ ކޯޑިނޭޝަން އެންމެ ރަނގަޅަށް
ކުރިއަށްގެންދެވޭތޯ ބެލުން ހިމެނޭކަމަށް ބުނެފައިވެއެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި
ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް
އިބްރާހީމް ޙިލްމީއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް
ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފް މާލޭ އޭރިއާ
ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދުއާއި، އެމްއެންޑީއެފް
ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ
ޖެނެރަލް ޙަސަން ޝާހިދުއާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް،
ކާނަލް އަޙްމަދު ޠާހިރުއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް،
ހިސާން ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި
އިމަޖެންސީ ރެސްޕޯންސް ޓީމުތަކުން ބައިވެރިވެލެއްވިއެވެ.
ނޮވެންބަރު 23އިން 24އަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ
މި އެކްސަސައިޒުގައި، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރު އަދި ލިބިފައިވާ
ވަސީލަތްތައް އަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތަކާއި،
ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ހުނަރުވެރިކަމާ އެކު ހައްލުކުރާނެ ގޮތްތައް
ފަރިތަކުރުމުގެ އިތުރުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ރައްޔިތުންނަށް
ފޯރުކޮށްދޭ ޚިދުމަތްތައް އަވަސް ކުރެވޭނެ ގޮތްތައް ދެނެގަތުމަށް މަސައްކަތްކުރާނެކަމަށް
ފުލުހުން ބުނެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މި އެކްސަސައިޒްގެ
ތަމްރީނުތައް މާލެއާއި، ހުޅުމާލޭގެ އިތުރުން، ވިލިމާލެއާއި، ތިލަފުށީގައި އަދި މާލެކައިރީގެ
ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު، އެ ތަމްރީނުތަކުގައި،
ހައިރައިޒް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ރެސްކިޔު އޮޕަރޭޝަންތަކާއި،
ހެޒްމެޓް އޮޕަރޭޝަންގެ އިތުރުން ރޯޑް އެކްސިޑެންޓްތަކުގައި ބޭނުންކުރާ އިމަޖެންސީ ޕްރޮސީޖަރސް
ފަރިތަކުރާނެ ކަމަށާއި މި އެކްސަސައިޒް ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގައާއި،
މާލޭ ސަރަހައްދުގައި ފަޔަރ ވެހިކަލް، ސައިރަން އެޅުމާ އެކު ހަރަކާތްތެރިވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް