ކުރީގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފަހު ދުވަހު ތިލަމާލެ ޕްރޮޖެކްޓްގެ ސަޕްލިމެންޓަރީ އެގްރީމަންޓެއްގައި ސޮއިކޮށްފައިވާމަށް މުއިއްޒު ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. މުއްތަލިބު މިއަދު ދެއްވި ޕްރެސް ކޮންފަރެންސެއްގައެވެ.
އެ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ 6.3 ކިލޯ މީޓަރުގެ ބްރިޖާއި މަގު ހިމެނޭ އެ މަސައްކަތް އެކުގައި ނިންމަން ކުރިން އޮތީ 17 މެއި 2024 އަށް ކަމަށާއި އެހެން ނަމަވެސް މިމަހުގެ 16 ވަނަ ދުވަހު ކޮންޓްރެކްޓަރާއެކު ކުރީ ސަރުކާރުން ސަޕްލިމެންޓަރީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އެ އެގްރީމަންޓާއެކު މިހާރު މުޅި ޕްރޮޖެކްޓް ނިންމަން ޖެހޭނީ 30 ސެޕްޓެމްބަރު 2026 އަށް ކަމުގައި ކަނޑައެޅިފައިވާކަމަށެވެ.
މިގޮތަށް ނިންމުމާއެކު ކުރިން 32 މަހުން ނިންމަން އޮތް ޕްރޮޖެކްޓް 60.5 މަހަށް ދިގުދެމިގެންގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވިގޮތުގައި އާ ބަދަލާއެކު ވިލިމާލެއާއި ހަމައަށް ބްރިޖް ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށް މިހާރު އެއްބަސްވެފައިވާ ތާރީހަކީ 31 މާރިޗް 2026 އެވެ. އެހެން ނަމަވެސް އެ ސެކްޝަން 31 ޑިސެމްބަރު 2025 އަށް ނިންމުމަށް އަނގަބަހުން އެއްބަސްވުމެއް ވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މުއްދަތު އިތުރުވިނަމަވެސް ޕްރޮޖެކްޓްގެ ހަރަދަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި އެހެން ނަމަވެސް އިދާރީ ގޮތުން މި ސަރުކާރުން ކަންކަން ބެލުމަށް ކަނޑައަޅާފައިވާ ކޮންސަލްޓެންސީއަށް ހިނގާ ހަރަދު އިތުރަށް ހިނގަމުންދާނެ ކަމަށެވެ.
މީގެ އިތުރުން އިތުރަށް އެފްކޯންސް އަށްވެސް ފައިސާ ދީފައިނުވާކަމަށާއި މިހާރު ހެދިފައިވާ އެގްރީމަންޓުގައިވާ ތާރީހުތަކަށް ކަންކަން ކުރިއަށް ގެންދޭތޯ ސަރުކާރުން ބަލާ އެކަންކަމަށް ބާރު އަޅާ އަދި އަވަސްކުރެވޭނެ ކަންކަކަން އަވަސް ކުރުމަށް މަސައްކަތް ކުރަމުންދާނެކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް